ސްޕެއިންގެ ވިޔަފާރިވެރިޔާ އޮގަސްޓިން އެސްކޯބާގެ ތިން ކުދިންނާ އަނބިމީހާ ބާސެލޯނާއިން އެމެރިކާގެ ނިއުޔޯކަށް ދަތުރުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއީ ތިން ކުދިންގެ ތެެރެއިން އެއް ކުއްޖަކަށް 8 އަހަރު ފުރޭ އުފާވެރި އުފަންދުވަހާ އެކުދިންގެ މަންމަގެ 40 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށެވެ. ނަމަވެސް ދެމައިންގެ އުފާވެރި އުފަންދުވަސް ވެގެންދިޔައީ މުޅި އާއިލާގެ ވެސް އެންމެ ފަހު ދުވަހަށެވެ.
ނިއުޔޯކުގެ ރީތި މަންޒަރުތައް މަތިން ބަލައިލުމަށްޓަަކައި ޓޫރިސްޓް ހެލިކޮޕްޓަރެއްގައި ނައްޓާލިތާ 16 މިނެޓުގެ ތެރޭގައި ހެލިކޮޕްޓަރުގެ އިންޖީނާ ބުރަފައްޗާ ވަކިވެ ހަޑްސަން ކޯރަށް ވެއްޓުނީއެވެ. އަދި ޕައިލެޓް ހިމެނޭހެން ދަތުރުކުރި އާއިލާގެ އެންމެން މަރުވީ ދެމައިންގެ ވެސް އުފަންދުވަހުއެވެ. އެއް ކުއްޖެއްގެ އުމުރަކީ 4 އަހަރެވެ. އަނެއް ކުއްޖެއްގެ އުމުރަކީ 8 އަހަރެވެ. ދެން ހުރި ކުއްޖާގެ އުމުރަކީ 11 އަހަރެވެ. މަންމަގެ އުމުރަކީ 40 އަހަރެވެ.
މިހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މައްސަލަ ތަޙްޤީޤުކުރަން ވަނީ ފަށާފައެވެ. އެއްބަޔަކު ބުނަނީ ހެލިކޮޕްޓަރު ވެއްޓުނީ ތެޔޮ ހުސްވެގެން ކަމަށެވެ. އެހެން ނަމަވެސް ތަޖުރިބާކާރު ގިނަ ބަޔަކު ބުނަނީ އެއީ އެހެން ޓެކްނިކަލް ފެއިލިއާއެއް ކަމަށެވެ. އެއީ ވެއްޓުމުގެ ކުރިން ބުރަފަތި ވަކިވެފައިވާތީއެވެ.