ޝާން މުޙައްމަދު

ބޮޑުކަންނެލީގެ މަސްވެރިކަމަށް ދިވެހި ޒުވާނުން ނެރެނީ

ބޮޑުކަންނެލީގެ މަސްވެރިކަމަށް ޒުވާނުން ނެރުމާ ގުޅޭ ގޮތުން މަސްވެރިކަމާ ބެހޭ ވުޒާރާ އާ ބޮޑުކަންނެލީގެ މަސްވެރިންގެ ޔުނިއަން (ބީކޭއެމްޔޫ) އާ މަޝްވަރާކޮށްފި އެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި މަޝްވަރާގައި ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ޔޫނިއަންގެ ފަރާތުން ހިއްސާކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ގޮންޖެހުންތައް ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތަކާ އެކު މަސައްކަތް ކުރުމަށް ޔޫނިއަންގެ ފަރާތުން ތައްޔާރަށް އޮތްކަން ޔުނިއަން އިން ފާހަގަކޮށްފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.

”މިހާތަނަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ހިއްސާކުރި ގޮންޖެހުންތަކަށް ހައްލު ގެނެވިފައިވާ މިންވަރު ހިއްސާ ކުރެވުނު،“ ވުޒާރާއިން ބުންޏެވެ. ”އަދި ބޮޑުކަންނެލީގެ މަސްވެރިކަން ދުވަހެއް ދުވަހަކަށް ހީނަރުވަމުންދާތީ، މި މަސްވެރިކަން ތަރައްޤީކޮށް އާމްދަނީ އިތުރު ކުރުމަށާއި ޒުވާނުން މި މަސްވެރިކަމަށް ނެރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު.“

މީގެ ކުރިން މި ސަރުކާރުން ބުނީ ބޮޑުކަންނެލީގެ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ސަރުކާރުން މަސައްކަތް ކުރާނެ އެވެ. އެގޮތުން ބޮޑުކަންނެލީގެ މަސްވެރިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ބަނދަރެއް ވެސް ހަދަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ވަޒީރު ޝިޔާމު ވިދާޅުވެފައިވާ ގޮތުގައި އެ ބަނދަރު ހަދަން ބޭނުންވާ ފައިސާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ހަމަޖެހިފައިވެ އެވެ.