ރައްޔިތުންގެ ގޭސް ކުންފުނިން އެެއްވެސް މަސްޢޫލިއްޔަތެއް އެސްޓީއޯ އަށް ނުނަގާ ކަމަށާއި، ގޭސް ގަތުމުގެ އެންމެހާ ކަމެއް ވެސް ކުރަނީ ސީދާ ގޭސް ކުންފުނިން ކަމަށް އެމްޑީ އަބްދުﷲ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދުބާއީގެ ޖަކްޝާ އެނާޖީއަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގެއްލިފައިވާތީ ގޭސް ގަތުމުގެ ކަންކަން ސީދާ އެސްޓީއޯ އިން ކުރަން ފަށާފައިވާ ކަމަށް ނާޒިމް ވިދާޅުވިވިޔަސް، ކުންފުނި ހިންގުމުގެ ހުރިހާ ކަމެއް ވެސް ކުރަނީ މައި ކުންފުނީގެ އުސޫލުތަކާއި ގަވައިދުތަކުގެ ތެރެއިން ކަމަަށާއި، ހުރިހާ މުޢާމަލާތެއް ވެސް ކުރައްވަނީ ވަރަށް މުސްތަޤިއްލުކަމާ އެކުގައި ކަމަށް އަބްދުﷲ ވިދާޅުވެއެވެ.
އަބްދުﷲ ވިދާޅުވީ، ގޯސްކޮށް ހުރި ހުރިހާ ކަމަކީ ވެސް ކުރީ ސަރުކާރުގެ ދުވަސްވަރު ހިންގާފައި ހުރި ކަން ކަން ކަމަށާއި، އެބޭފުޅާ ޙަވާލުވީ ފަހުން އެއްވެސް ގޯހެއް ހިނގާފައި ނޯންނާނެ ކަމަށެވެ. އެބުނާ ޖަކްޝާ އެނާޖީއަށް ދެއްކި 3.7 މިލިއަން ރުފިޔާ ވެސް ނުގެއްލޭނެ ކަމަށާއި، އެފައިސާ ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.