މިލައުތުރު

ދުންފަތް މަނާކޮށް، މިސައިލްގެ ޤާބިލް ހޯދާ، އިޒްރޭލް ޕާސްޕޯޓް މަނާކޮށް، ރައީސް މުޢިއްޒު ތާރީޚުގެތެރެއަށް

2007 ޖެނުއަރީ 1 ވަނަ ތާރީޚުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް “ޖެނެރޭޝަނަލް ބޭން” އެއް ތަންފީޒުކުރަން ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

އެ ނިންމުމުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް “ޖެނެރޭޝަނަލް ބޭން” އެއް ތަންފީޒުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިކަމާގުޅޭ ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމާއި މިގޮތުން މި ޤާނޫނަށް އިޞްލާޙު ގެނެސް ތަޞްދީޤުކުރާ ތާރީޚުން ފެށިގެން ޤާނޫނަށް ޢަމަލުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، ނޮވެންބަރު 1، 2025 ގައި މި ޤާނޫނު ތަންފީޒުކުރަން ފެށުމަށް ވަނީ ވެސް ވަނީ ނިންމަވާފައެވެ.

ދިވެހިރާއްޖޭގެ އަސްކަރިއްޔާ އަކީ ޒަމާނީ ހަތިޔާރުގެ ވަޞީލަތްތަކާއެކު ނުރައްކާތެރި ޢުދުވާނުތަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ ޤައުމަކަށް ހެއްދެވުމަށްޓަކައި ރައީސް މުޢިއްޒު ވަނީ ތުރުކީވިލާތުން މިސައިލް ޓެކްނޮލޮޖީ ހޯއްދަވަން ނިންމަވާފައި ކަމަށް ޚަބަރުތައް ލިބެއެވެ. އެއީ ތުރުކީވިލާތުން ހަދިޔާކުރާ މިސައިލް ލޯންޗުކުރުމުގެ ޤާބިލްކަން ހުރި އަސްކަރީ މަނަވަރުގައި ބޭނުންކުރުމަށް ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

100 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުބޮޑު މަނަވަރުގައި ކުރު ރޭންޖާއެކު ދުރުރާސްތާ މިސައިލް ވެސް ފޮނުވާލުމުގެ ޤާބިލް ހުންނާނެ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. އެހެން ކަމުން 1988 ގައި ދިންފަދަ ޢުދުވާނީ ޙަމަލާއެއް އެހާ ފަސޭހައިން ދެނެއް ނުދެވޭނެއެވެ. ކަނޑުބޯޓެއްގައި އައިސް ވެރިރަށް މާލެއަށް އަރަން ފުރުޞަތެއް ނުލިބޭނެއެވެ. ރާއްޖޭގެ ސަރަޙައްދަށް ވަންނަތަނުން މިސައިލްތަކާ ކުރިމަތިލާން ޖެހޭނެއެވެ. އެހެންވީމާ، ރައީސް ޑރ. މުޢިއްޒު މަސައްކަތްޕުޅު އެކުރައްވަނީ ރާއްޖޭގެ ތާރީޚު ފޮތުން ޖާގައެއް ހޯއްދަވަން ކަމަށް ބެލެވެއެވެ.