ޝާން މުޙައްމަދު

ޓިކްޓޮކުން ދިވެހިންނަށް ޑޮލަރު ލިބޭ ގޮތް ހަދަނީ…

ދިވެހިންގެ ތެރޭގައިވެސް މިހާރު ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މީސްމީޑިޔާގެ މަޝްހޫރު އެއް ވަސީލަތް، ޓިކްޓޮކް އިން ދިވެހިންނަށް އާމްދަނީ ލިބޭނެ ގޮތަކާއި ބެހޭ ގޮތުން ޓިކްޓޮކްގެ އިސްވެރިންނާ ދިވެހި ސަރުކާރާ މަޝްވަރާކޮށްފިއެވެ.

މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ޓިކްޓޮކްގެ އިސް ވަފްދާއި އިގުތިސާދީ ތަރައްގިއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު ވަނީ މަޝްވަރާތަށް ކޮށްފައެވެ. މި މަޝްވަރާއާ ގުޅޭގޮތުން ސަރުކާރުން ބުނީ މިހާރު މަސައްކަތް ކުރަމުން ދަނީ ޓިކްޓޮކާ އެކު އެކަށީގެންވާ އެއްބާރުލުމެއް ހޯދައި، ޑިޖިޓަލް ފައިސާ ހޯދުމުގެ އާ މަގުތަކެއް ހުޅުވުމަށް ކަމަށެވެ.

ސަރުކާރުން ބުނީ ފުރިހަމަ އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެއް ކަމަށެވެ. އެގޮތުން އިގުތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްްމަދު ސައީދު މީގެ ކުރިން ވަނީ ރާއްޖޭގައި ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުން ފައިސާ ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރެމުންދާ ކަމަށްވެސް ވިދާޅުފައެވެ.

ވަޒީރު ސައީދު ވިދާޅުވީ ރާއްޖޭގައި އުފެއްދުންތެރިން އެބަ ތިބި ކަމަށާއި އާޓިސްޓުންނާއި މިއުޒިޝަނުންނާއި އަމިއްލަ އުފެއްދުންތައް އުފައްދާ މީހުންވެސް އެބަ ތިބި ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތަށް ދިވެހިންގެ ތެރޭގައިވެސް ޓިކްޓޮކްގައި ވަރަށް ގިނަ ފަރާތްތަކަކުން ދަނީ ތަފާތު އެކި ހުނަރުތައް ދައްކަމުންކަން ފާހަގަ ކުރެވެއެވެ.