ށ. ފޯކައިދޫއަށް އުފަން އުމުރުން 18 އަހަރުގެ ޒުވާން ނަފީސް ރިޒާގެ ފުރަތަމަ ލަވަ ”މަލާ“ ސައުންޑް ކްލައުޑާ ޓިކްޓޮކް ފަދަ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކަށް ދޫކޮށްލުމާއެކު ލޯތްބާއި ތައުރީފު އޮހެން ފަށައިފިއެވެ.
ލަވަކިއުމަށް ޝައުޤުވެރިކަން ހުންނަ ނަފީސް އޭނާގެ އަމިއްލަ މަސައްކަތުން ހުނަރުތައް ފައްކާކޮށް، މިހާރު އަންނަނީ އެކި އެކި މުނާސަބުތަކުގައި ޕާފޯމް ކުރަމުންނެވެ. ރީތި އަޑެއް ޤުދުރަތުން ލިބިފައިވާ މި ޒުވާނާގެ އުންމީދަކީ އޭނާގެ ހުނަރުތައް އިތުރަށް ތަރައްޤީކޮށް މީހުންނަށް ދައްކާލެވޭނެ ފަހި ފުރުޞަތުތަކެއް ލިބުމެވެ.
ނަފީސް ކަށަވަރުކޮށްދިނީ ލަވަކިއުމުގެ ހުނަރަކީ އަމިއްލަ މަސައްކަތުން ތަރައްޤީކޮށް ފައްކާކުރެވިދާނެ އެއްޗެއް ކަމެވެ. އަދި ޝައުޤުވެރިކަމާ ހިންމަތްތެރިކަމާއެކު ކުރާ ކޮންމެ ކަމެއް ވެސް ކާމިޔާބު ވާނެ ކަމެވެ. ނަފީސް އަށް ކޮމެންޓް ކުރާ ފަރާތްތަކުން ވެސް ބުނެފައިވަނީ ލަވަކިއުމުގެ ދާއިރާއިން ކާމިޔާބު މީހަކަށް ވެވިދާނެ ކަަމަށާ އިތުރު ލަވަތަކަށް އިންތިޒާރު ކުރާ ކަމަށެވެ.