އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެެތެރެ ނުވެވޭގޮތަށް ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު އިސްލާޙްކޮށް ވަގުތުން ވަގުތަށް ރައީސް ތަސްދީޤު ކުރެއްވުމުން ބައިނަލްއަޤުވާމީ މީޑިޔާތަކުގައި މި ޚަބަރު އިއްޔެ ވަނީ ގުގުމާލާފައެވެ.
އަރަބި ދުނިޔޭގެ ބޮޑެތި ނޫސްތަކާއި، ޚުދު އިޒްރޭލްގެ އެންމެ ބޮޑެތި ނޫސްތަކުގެ ފަލަ ސުރުޚީގައި އިއްޔެ އޮތީ ރާއްޖޭގެ ވާހަކަތަކެވެ. ދުނިޔޭގެ އެންމެ މަޤުބޫލު ލަގްޒަރީ ހޮލިޑޭ ޑެސްޓިނޭޝަނަށް އިޒްރޭލް ޕާސްޕޯޓްގައި ދެން ނުދެވޭނެކަމަށާ، ރާއްޖެއިން ދެއްކީ އިންސާނިއްޔަތަށްޓަކައި ވަރަށް ވެސް ފުރިހަމަ ނަމޫނާއެއް ކަމަށާއި، ދުނިޔޭގެ އެހެން ޤައުމުތަކުގެ ވެރިންނަށް ނަގައިދިން ފިލާވަޅެއް ކަމުގައި މިކަން ފުދޭ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މާއްދިއްޔަތަށް ގޮސް ގެއްލި ހުސްވެފައިވާ އަރަބި މުސްލިމް ޤައުމުތަކުގެ ވެރިންނަށް ވެސް ދިން ވަރުގަދަ ފިލާވަޅެއް ކަމަށާއި، ދިވެހިރާއްޖެ ނަމޫނާއަކަށް ބަލަންޖެހޭ ކަމަށެވެ.
ފަލަސްޠީންގެ ރައްޔިތުން ދެކެ ޙަޤީޤަތުގައި ލޯބިވާ ބަޔަކީ ވެސް އަދި ޤަަދަރުކުރާ ބަޔަކީ ވެސް ދިވެހީން ކަމުގައި މިހާރު ޤަބޫލުކުރެވިއްޖެ ކަމަށް ބައެއް ނުފޫޒު ގަދަ ސޯޝަލް މީޑިޔާ އެކްޓިވިސްޓުން ބުނެއެވެ. އަދި ރާއްޖެއިން އިޒްރޭލް ޕާސްޕޯޓް މަނާކުރިކަމުގެ ޚަބަރުތަކަށް ކޮމެންޓް ކޮށްފައިވާ ބައެއް މީހުންނަށް ރާއްޖެއަކީ އޮތް ޤައުމެއްކަން ވެސް އެނގުނީ މި ޚަބަރާއެކު ކަމަށް ބުނެފައި ވެއެވެ. އަދި އިޒްރޭލްގެ ބައެއް ރައްޔިތުން މިކަމާ ހިތާމަފާޅުކޮށްފައި ވާއިރު، އަނެއް ބަޔަކު ނުރުހުން ފާޅުކޮށް ފުރައްސާރަތައް ވެސް ކޮށްފައި ވެއެވެ. އެއީ ހަމަ ޔަހޫދީންގެ އާދައެވެ.