މިލައުތުރު

ހުސްނުއްސުއޫދު ހުތުރުއެއްޗެއް ބުނާތަން ފެންނަފަށުގައި އަޒުމިރާލްދާ ހުރުމުން އޭނާގެ މައްޗަށް އިތުރު ސުލޫކީ މައްސަލައެއް ބަލަނީ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ އިތުރު ސުލޫކީ މައްސަލައެއް ބައްލަވަން ނިންމަވާފައިވާ ކަން ހާމަވެއްޖެއެވެ. އެއީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުއޫދު ހަޑި ހުތުރު ބަހުން މީހަކާ ވާހަކަދައްކާތަން ފެންނަފަށުގައި ހުރުމުން ކަމުގައި ވެސް ވަނީ ހާމަވެފައެވެ.

މި ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށާފައިވަނީ ފަނޑިޔާރު އަޒްމިރާލްދާގެ ފިރިކަލުން ހައްޔަރުކޮށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، ބަންދުން ދޫކޮށްލުމަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެއް ގައެވެ. ޑރ. އަޒްމިރާލްދާ ޒާހިރު އާއި އަލްއުސްތާޛު މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ކޮމިޓީން ނިންމެވުމަށް ފަހު މިހާރު ވަނީ އެ ދެ ފަނޑިޔާރުންނަށް ޖަވާބުދާރީ ވުމަށް ފޮނުއްވާފައެވެ.

މި މައްސަލައިގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ހަޑި ހުތުރު ބަހުން މުއާމަލާތްކުރިތަން ފެންނަފަށުގައި ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރާލްދާ ވެސް ހުންނެވިކަމަށް ބުނާ މައްސަލައެއްވެސް ޖޭއެސްސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ރޭގައި ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ތަޙްޤީޤު ރިޕޯޓަށް ޖަވާބުދާރީ ވުމަށް ފޮނުވުމަށާއި، ޖަވާބުދާރީވެވަޑައިގަތުމުން ރިޕޯޓާއި މެދު ވަކިގޮތެއް ނިންމެވުމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟