އައްޑޫސިޓީގައި ވޯޓަރ ތީމް ޕާރކެއް ތަރައްގީ ކުރަން އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ތީމް ޕާކު ތަރައްގީ ކުރުމަށް ނިންމާ ކައުންސިލުން ވަނީ އެ ޕާރކް ތަރައްގީ ކުރާ ސަރަޙައްދުގެ އެންވާރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައެެވެ.
މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މި ސަރަހައްދުގައި އީއައިއޭ ހަދައިދޭނެ ފަރާތަކީ ރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތަކަށްވާން ޖެހޭނެ ކަމަށެވެ.
ކައުންސިލުން ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްރީލް 23 އިން ފެށިގެން އެޕްރީލް 29 ވަނަ ދުވަހުގެ 14:00 އާއި ހަމަޔަށް އެ އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް ބީލަން ހުށަހަޅަން އެދިފައެވެ. އަދި ބީލަން ހުށައަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރު އަދި މެއިލް އެޑްރެސް) މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށް އެދޭ ކަަމަށް އެ އިއުލާނުގައި ވެއެވެ.
މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ މެއި އަށް ވަނަ ދުވަހުގެ 11:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ކަމަށްވެސް އިއުލާނުގައި ވެއެވެ.