މާލޭގެ އުސް އިމާރާތެއްގެ ފެންލައިޓުން ވެއްޓުން ކަމަށް ފުލުހުން ބުނާ ހައްވާ ޔުމްނު ރަޝީދަށް ޙައްޤު އިންސާފު ހޯދައިދިނުމަށް ގޮވާލާ އަދުގެ ޒުވާން ޖީލުން މަގުމައްޗަށް ނިކުމެ ޤައުމު ދެކެ ލޯބިވާ ޒުވާނުންގެ ހައިސިއްޔަތުން އަޑުއުފުލައިފިއެވެ.
މި ފަހުގެ ތާރީޚެއްގައި ނުފެންނަހާ ގިނަ އަދަދެއްގެ ޒުވާނުން މިރޭ ނިކުމެތިބީ، ޔުމްނު ވެއްޓުނު ކަމަށް ބުނާ ހާދިސާގައި ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ މީހުން ހިމާޔަތްކުރަން އުޅޭކަމުގެ ތުހުމަތު ފުލުހުންނަށް އަމާޒުވެފައި ވަނިކޮށެވެ. މި އެއްވުން ކުރިއަށް ދަނީ އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކުރިމަތީ މަޖީދީމަގު ގައެވެ.
ޒުވާންފުރައިގެ އަންހެން ކުއްޖަކު އުސް އިމާރާތަކުން ވެއްޓި ފުރާނައަށް ނުރައްކާވެފައި ވެންޓިލޭޓަރުގައި އޮތްއިރު، ތަޙުޤީޤަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ. އަދި ފުލުހުންގެ ފަރާތުން ދޭ މަޢުލޫމާތަކީ އޮޅުވާލަން ދައްކާ ބަހަނާތަކެއް ކަމަށް ތުހުމަތުކުރާ މީހުން މަދެއް ނޫނެވެ.
މިރޭ ފެނިގެންދިޔައީ ޚުދު ފުލުހުން ވެސް އުންމީދުކުރި ގޮތާ މުޅިން ޚިލާފު މަންޒަރެކެވެ. ސިޔާސީ ޕާޓީތަކެއް ވެސް ނޫނެވެ. އަދި ބައެއްގެ އެދުމަކަށް ނިކުތް ޒުވާނުންތަކެއް ވެސް ނޫނެވެ. ހެޔޮ ހިތަކާއެކު އިންސާފަށް ގޮވާލަން ނިކުތް ޤައުމު ދެކެ ލޯބިވާ ޤައުމުގެ މުސްތަޤުބަލް ކަމުގައިވާ ޒުވާނުންގެ އަމިއްލަ އިސްނެގުމެކެވެ. އެންމެންނަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. އެސްއޯ ފުލުހުން ނެރެ ތަޅާ ދުންކާލި އަރުވާލަން ނުކެރުނީ ވެސް އެހެންވެގެން ކަމަށް ބެލެވެއެވެ.
ޒުވާނަކު ބުންޏެވެ. ”އަހަރުމެންގެ އަޑު ނީވެންޏާ އަހަރުމެންނަކަށްވެސް ކަލޭމެންގެ އަޑެއް ނީވޭނެ“ އެވެ.