މިލައުތުރު

ފޯކައިދޫގައި އާންމު ބަލިތަކަަށް ބޭނުންކުރާ ބައެއް ބޭސް ހުސްވެ، ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރު ވަނީ…

ށ. ފޯކައިދޫގައި އާންމު ބަލިތަކަށް ދޭ ބައެއް މުހިންމު ބޭސްތައް ވެސް އެ ރަށުގައި ހުންނަ އެސްޓީއޯ ފާމަސީގައި ނެތުމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިޔާގައި ފާޅުކުރަން ފަށައިފިއެވެ.

އާބާދީގައި 2000 މީހުންނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފޯކައިދޫގައި 24 ގަޑީ އިރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއް ހުރުމުގެ އިތުރުން އެސްޓީއޯ ބޭސްފިހާރައެއް ވެސް ހުރެއެވެ. އަދި މިހާތަނަށް އެކަށީގެންވާ ރަނގަޅު ޚިދުމަތެއް ދެމުން އަންނަ އެސްޓީއޯ ބޭސްފިހާރައިން މިފަހަކަށް އައިސް ބޭސް ނުލިބޭ ކަމުގެ ޝަކުވާތައް ވަނީ އިތުރު ވެފައެވެ. އެހެން ނަމަވެސް އެސްޓީއޯ އިން ޔަޤީންކަންދޭ ގޮތުގައި ބޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތެވެ. އެހެންކަމުން ފޯކައިދޫ މީހުން ޤަބޫލުކުރާ ގޮތުގައި ބޭސް ނުލިބުމުގެ މައްސަލަ ޙައްލުކުރުމަށް ރަށު ފެންވަރުގައި ޒިންމާދާރު ފަރާތްތަކަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވެނީއެވެ.

ފޯކައިދޫއިން މަޢުލޫމާތު ހިއްސާކުރި ފަރާތެއް ބުނިގޮތުގައި، ރަށުގެ ޞިއްޙީ ޚިދުމަތް ވަނީ މީން ދުވަހަކު ނުވެއްޓޭހާ ދަށަށް ވެއްޓިފައި ކަމަށާއި، ބޭސްކޮޅެއް ވެސް ލިބެން ނެތްއިރު ވެސް ވެރިންނަށް ވާކަމެއް ނެތް ކަމަށާއި، ސިޔާސީ ޒުވާބުކުރުން ނޫންކަމެއް ނުފެންނަ ކަމަށެވެ. ރާއްޖެއަށް ބޭނުންވާ ބޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާއިރު، ފޯކައިދޫގައި ބޭސް ނެތުމަކީ ސަރުކާރުގެ މައްސަލައެއް ނޫންކަމަށާއި، އެއީ ރަށުގައި އެކަންކަމާ ޙަވާލުވެގެން ތިބޭ ފަރާތްތަކުގެ މައްސަލައެއް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟