ފުލުހުން ސިޔާސީމީހުން ހިމާޔަތްކޮށް މުއައްސަސާގެ އިތުބާރާއި އަގުވައްޓާނުލުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.
މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވަނީ ރައްޔިތުންނަށް ޝައްކު ނުއުފެދޭ ވަރަށް ތެދުމައުލޫމާތު ފޯރުކޮށްދީ ފުލުހުންގެ މުއައްސަސާގެ އަގު އަދި އިތުބާރު ހިފަހައްޓަވަން ގޮވާލައްވައިފައެވެ.
“ވަކިމީހަކަށް ހޯދާ ދޭންޖެހޭ އެއްޗެއްކަމަށް ގަބޫލްކުރާކުރުން ދޫކޮށްލާ އެންމެނަށް ހަމަހަމަ އިންސާފް ހޯދަދޭން ގަދައަޅާ މަސައްކަތް ކުރައްވާ. “ އާޒިމް ވިދާޅުވިއެވެ.
އާޒިމް މިފަދައިން ވިދާޅުވެފައި މިވަނީ މިމަހުގެ 18 ވަނަ ދުވަހު ހިނގައިދިޔަ ހާދިސާއެއްގައި ޒުވާން އަންހެން ކުއްޖަކު އިމާރާތެއްގެ މަތިން ވެއްޓި ލިބުނު އަނިޔާތަކާ ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން އިހުތިޖާޖަށް ނުކުމިފައިވަނިކޮށެވެ.
މި ހާދިސާގައި އިމާރާތުން ވެއްޓުނު ކަމަށް ބުނެފައި ވަނީ ހައްވާ ޔުމްނު ނަމަކަށް ކިޔާ އަންހެން ކުއްޖެއެވެ. އޭނާ ވެއްޓިފައި އޮތީ އިމާރާތާ އިންވެގެން ހުރި ގަރާޖެއްގެ ފުރާޅުމައްޗަށެވެ. މި ހާދިސާގައި ޔުމްނު ހޮސްޕިޓަލަށް ގެންގޮސް ވަނީ ވެންޓިލޭޓަރަށްވެސް ލާފައެވެ. އަދި ސަރުކާރުން މިހާރު ވަނީ އޭނާ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރުވަން ނިންމައިފައެވެ.
ފުލުހުން ވަނީ މި ހާދިސާ ހިނގި ގޮތް ދެނެގަތުމަށް ތަހުގީގެއްވެސް ފަށާފައެވެ. ނަމަވެސް ފުލުހުންގެ ތަހުގީގުގައި މާބޯޑު ހޯދުންތަކެއް ނުފެނި ރައްޔިތުން ޝައްކުއުފެދޭ ހިސާބަށް ދިއުމުން ޒުވާނުން ވަނީ ފުލުހުން މި ތަހުގީގު އޮޅުވާލާފައިވާކަމަށްވެސް ބުނެފައެވެ. އަދި މި ތަހުގީގަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ބުނެ ގިނަ ބަޔަކު ދަނީ މީސްމީޑިޔާގައިވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.