މިލައުތުރު

ޕޮލިސް ކޮމިޝަނަރ ޢަލީ ޝުޖާއު އެ ދެއްކެވީ ޑިމޮކްރެސީގެ ފުރިހަމަ ނަމޫނާއެއް – ރައީސް ނަޝީދު

ކަންކަމާ ޒިންމާ ނަގާން ނުވަތަ އިތުރަށް މައްސަލަ ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ ޑިމޮކްރަސީގެ އެންމެ ރިވެތި އުޞޫލުކަމުގައި ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޕޮލިސް ކޮމިޝަނަރު ކަމުން މިއަދު އިސްތިއުފާދެއްވި ޢަލީ ޝުޖާއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި އިސްތިއުފާދެއްވުމަކީ ފުރިހަމަ ނަމޫނާއެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. ޚުދު އެމަނިކުފާނު ވެސް ވަނީ 7 ފެބުރުއަރީ 2012 ގައި އަމިއްލަފުޅަށް ރައީސްކަމުން އިސްތިއުފާދެއްވާފައެވެ. ވިދާޅުވީ ޤައުމުގެ މަސްލަޙަތަށް އެވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނު ވެރިކަމުގައި ހުންނެވުމަށް ވުރެ އިސްތިއުފާ ދެއްވުން ކަމަށް ފެނިވަޑައިގަންނަވާތީ، ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

ޢަލީ ޝުޖާއު ވެސް މަސްލަޙަތު އިތުރަށް ގޯސްވެދާނެތީ، އެވަނީ އެފަދަ ގޮތަކަށް އިސްތިއުފާ ދެއްވާފައެވެ. އަދި އެއީ މުޒާހަރާ ކުރަމުން ގެންދާ ޒުވާނުންގެ ފަރާތުން ސަރުކާރަށް ކޮށްފައިވާ އެއް ޑިމާންޑެވެ.