ޝާން މުޙައްމަދު

ބައިނަލްއަގުވާމީ މިންގަނޑަށް ސިފައިން ހިންގާ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސްގެ އާ ބުރެއް ފަށައިފި

ބައިނަލްއަގުވާމީ މިންގަނޑަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް)އިން ހިންގާ 13 ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ފަށައިފިއެވެ.

މި ކޯހުގައި ރާއްޖޭގެ އިތުރުން ހަތަރު ގައުމަކުން ސިފައިން ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ.

މި ކޯސް ފެށުމުގެ ގޮތުން އިއްޔެ ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގެ ކޮމަޑާންޓް ވަނީ ކޯހުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންގެ އިގުރާރު ލައިދެއްވީ ކޯސްޓްގާޑް ޓްރެއިނިން ސްކޫލުގެ ކޮމާންޑިން އޮފިސަރު، ލެފްޓިނެންޓް ކާނަލް އަޙްމަދު ޝިޔާމެވެ. އަދި، ދަރިވަރުންނަށް އިގުރާރު ލައިދެއްވީ 13 ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގެ ކޯސް އޮފިސަރ، ކެޕްޓަން ޢަބްދުﷲ ޝާހިދެވެ.

2025 މޭ ހަތެއް އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ކޯސް ކުރިއަށްދާނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ. މާފިލާފުށީގައެވެ. އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގާ މި ކޯހުގައި 18 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ބޭރު އަސްކަރިއްޔާތަކުން 6 ސިފައިން ބައިވެރިވިއެވެ. މިގޮތުން ބަންގްލަދޭޝް، މެލޭޝިއާ، ނޭޕާލް އަދި ސްރީލަންކާގެ ސިފައިން ބައިވެރިވެފައިވެއެވެ.

މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ޑައިވިންގެ ތާރީޚާއި، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންއާއި، ޑައިވިން އޮޕަރޭޝަންގައި ޑައިވް އިކުއިޕްމަންޓްސްއާއި އެކްސެސަރީސް ބޭނުންކުރާނެ ގޮތާއި، ޑައިވިން ކޮމިއުނިކޭޝަނާއި ޑައިވް ޓޭބަލްސްގެ ބޭނުމާއި، ޑައިވިން ސޭފްޓީ އަދި ޑައިވިން ސާޗް ޕެޓާންތަކާއި، ފިޒިކަލް ޓްރޭނިން، ސްވިމިން އަދި ޑައިވިން ސްކިލްސް، ޑައިވިން ފަސްޓްއެއިޑް، މިޝަން ޕްލޭނިންގެ އިތުރުން ހާލުގައި ޖެހޭ އުޅަނދު ފަހަރު ސަލާމަތްކުރާނެ ގޮތުގެ ތަމްރީނު ހިމެނެއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟