ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ށ. ނަރުދޫގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އޭޓީއެމް ޔުނިޓް ވަނީ ރަށަށް ގެންގޮސްފައި ކަމަށާއި، ރަށުކުރުމުގެ މަސައްކަތް ކުރުމަށް ބީއެމްއެލްގެ މުވައްޒަފުން މަސައްކަތްކުރަމުން ގެންދާ ކަމަށާއި، މިއަދު ނޫނީ މާދަމާ މަސައްކަތް ނިންމާލެވޭވަރު ވާނެ ކަމަށް ނަރުދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ. އަދި އޭޓީއެމް ޔުނިޓް ބަހަައްޓާ ނިމޭއިރު، ބަކީ އޮތީ ހަމައެކަނި ކަރަންޓް ކޭބަލް ގުޅާލުން ކަމަށާއި، ކައުންސިލުން އުންމީދުކުރި ގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ނަރުދޫ ކައުންސިލްގެ ރައީސް މުޙައްމަދު މުސްތަރުޝިދު ވިދާޅުވީ، މި މަސައްކަތަކީ ސީދާ ބީއެމްއެލްއިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި، ކައުންސިލްގެ ފަރާތުން ބޭނުންވާ އެންމެހާ އެހީތެރިކަމެއް ވެސް ދެމުން ގެންދަވާ ކަމަށެވެ. އެގޮތުން އޭޓީއެމް ޔުނިޓް ބެހެއްޓުމުގެ ކުރިން ހަދަންޖެހޭ ކޮންކްރީޓް މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުމާއި، ކަރަންޓް ކޭބަލް އަޅާނެ ފަރާތެއް ހޯދީ ނަރުދޫ ކައުންސިލުން އިޢުލާން ކޮށްގެންނެވެ.
އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ކައުންސިލުން ވެސް އަދި ރައްޔިތުން ވެސް ހިތީ ހިތްހަމަޖެހިފައެވެ.