އަވައްޓެރި އިންޑިޔާގައި ބޭއްވި ބައިނަލްއަޤުވާމީ މުބާރާތެއްކަމަށްވާ ބެޓަލް އޮފް ދި ބޭންޑްސް އިންޓަރނޭޝަނަލް މުބާރާތުން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ”ޓޫ އޮފް އަސް“ ގެ ޝޯއެއް އޮލިމްޕަހުގައި ބޭއްވުމަށް ނިންމައިފިއެވެ.
އެ ބޭންޑުން ބުނީ މާލޭގައި ފުރަތަމަ ފަހަރަށް އެ ބޭންޑުން ކުޅޭ މި ޝޯއަކީ ބައިނަލްއަޤުވާމީ މިމުބާރާތަށް ކުރި ދަތުރުގައި ހިތްވަރުދީ، ސަޕޯޓުކުރި އެންމެހާ ދިވެހި ރައްޔިތުންނަށް ބާއްވާ ޝޯއެއްކަމަށެވެ. ޓޫ އޮފް އަސްގެ މި ޝޯ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު ރޭގަނޑު އޮލިމްޕަހުގައެވެ. މި ޝޯ އަށް ވަނުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:00 ގައެވެ. މިޝޯއަށް ވަނުމަށް ޓިކެޓު ނެގޭނެ ގޮތް ފަހުން އިޢުލާންކުރެވޭނެކަމަށްވެސް އެ ބޭންޑުން ބުންޏެވެ.
ބެޓަލް އޮފް ދި ބޭންޑްސް އިންޓަރނޭޝަނަލްއިން ރާއްޖޭގެ ޓޫ އޮފް އަސް ބޭންޑު ވަނީ 3 ވަނަ ހޯދާފައެވެ. މިމުބާރާތުގައި އެކި ޤައުމުތަކުން 12 ބޭންޑެއް ވާދަކުރިއެވެ.