މިހާރުގެ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ހުންނެވީ ވަޒީރުކަން ހޯއްދެވުމަށް ނިއުޒީލޭންޑްގައި ހުންނަވައިގެން ސަލާންޖެހި ހަނދާން ވެސް ނެތިފައި ކަމަށް ރައްޔިތުންގެ މަޖިލިސްގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްްބާސްގެ ފޭސްބުކް އެކައުންޓްގައި ތުހުމަތު ކުރައްވާފައިވާ ގޮތުގައި ޑރ. މާރިޔާއަށް ވަޒީރުކަން ފަހިކޮށްދެއްވި ފަރާތް ވެސް ހަނދާންނެތި، ބާރާ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެކަމަނާއަށް އޯގާތެރިވި މީހާއަށް ފާޅުގައި އަނިޔާވެރިވެ، މުދާ ފޭރޭން ތަކުރާރުކޮށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
އަދި އިތުރަށް ތުހުމަތުކޮށްފައިވާ ގޮތުގައި އެކަމަނާގެ އަމިއްލަ އަތްޕުޅޫން ސޮއި ކުރައްވާ އިނގިލީގެ ނިޝާން ޖެއްސެވި އެއްބަސްވުމުގެ ލިޔުމަށް ވެސް ހަރާންކޯރުވެފައިވާ ކަމަށެވެ. އަދި ގަސްދުގައި އަނިޔާވެރިވުމަށް ކުރާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
އައްބާސް އިޝާރާތް އެ ކުރައްވަނީ ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދަށް ދޫކޮށްފައިވާ ނ. މިނާވަރު އަތުލުމަށް ސަރުކާރުން ނިންމެވި މައްސަލައެވެ. އެމްޕީ އައްބާސް އިތުރަށް ވިދާޅުވެފައިވަނީ 30 ދުވަހުގެ ތެރޭގައި އިސްލާޙްކުރަން އެންގެވި ހުރިހާކަމެއް ފުރިހަމަކޮށް، މިނިސްޓްރީއަށް އަންގާފައިވަނިކޮށް އެއްވެސް ބެލުމެއްނެތި ރަށް އަތުލުމަކީ ބޮޑު އަނިޔާއެއް ކަމަށެވެ.