ފޯކައިދޫގައި ތިބި ބަލިމީހުންނަށް ބޭނުންވާ ހުރިހާ ބޭހެއް ވެސް މިހާރު ލިބެން ހުންނާނެ ކަމަށާއި، އެކަން ޔަޤީންކުރައްވައިފި ކަމަށް ށ. ފޯކައިދޫ ޞިއްޙީ މަރުކަޒުގެ އިސްވެރިޔާ އަޙްމަދު ރިޟުވާން ވިދާޅުވެއްޖެއެވެ.
ރިޟުވާން އެހެން ވިދާޅުވެ ފޭސްބުކްގައި ޙިއްސާކުރެއްވި ޕޯސްޓުގައިވާ ގޮތުން މިވަގުތަށް ބޭނުންވާ އެއްވެސް ބޭހެއް މަދުނުވާ ވަރަށް އެބަ ހުރިކަމަށް އެސްޓީއޯ ބޭސްފިހާރައިގެ އިސްވެރިޔާ ޒަލީފާގެ ފަރާތުން ކަށަވަރުކުރައްވައިފި ކަމަށެވެ. އަދި ބައެއް ބޭސް ލިބެން ނެތްކަމަށް ބުނެ ފަތުރަމުން ގެންދަނީ މުޅިން ދޮގު ވާހަކަތަކެއް ކަމަށާއި، ”މިލައުތުރު“ ނޫހުގައި އޮތް ޚަބަރަކީ ވެސް ޙަޤީޤަތެއް ނޫން ކަމަށެވެ.
އެހެން ނަމަވެސް، އެސްޓީއޯ ބޭސްފިހާރަ ހިންގެވުމާ ޙަވާލުވެގެން ހުންނެވި ޒަލީފާ ފޭސްބުކްގައި ލިޔުއްވާފައިވަނީ މަރުކަޒުގެ އިސްވެރިޔާއަށް ދެއްވި މަޢުލޫމާތު އާންމުކުރައްވާފައިވަނީ މުޅިން ރަނގަޅަށް ނޫންކަމަށާއި، ނެތް ބޭސްތައް ހޯދަން މީހުން އަންނަން ފަށައިފިކަމަށެވެ. އަދި ސެޓްރިޒިން ސިރަޕް ފަދަ އާންމު ރޯގާތަކަށް ދޭ ބޭސް ނެތް ކަމަށެވެ. އަދި އިތުރަށް ބުނެފައިވަނީ މިފަދަ ކަންކަން ސިޔާސީ ކުރުމުން ވަރަށް ދެރަކަމަށެވެ.