އިސްރާއީލްގެ އިސްތިއުމާރީ ސިފައިން ޣައްޒާގެ އެތެރޭގައި ހިންގާ އުދުވާނުތައް ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި، ފަލަސްޠީންގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރެވުނު ޙަމަލާތަކެއްގައި އިސްރާއީލް ސިފައިންގެ 16 ވަނަ ކޮމާންޑަރަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ހަނގުރާމައިގެ މައިދާނުން އެމަޖެންސީކޮށް ގެންދަން ޖެހިފައިވާ ކަމަށް ދަ ޓައިމްސް އޮފް އިޒްރޭލް ނޫހުގައި ރިޕޯޓް ކޮށްފިއެވެ.
އަދި ކޮމާންޑާރ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ސާޖަންޓް ނޭތާ ޔިޒަކް އާއި ކެޕްޓަން އައިޑޯ ވޮލޮޗް މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. މިއީ މިފަހަކަށް އައިސް އިޒްރޭލް ސިފައިން އެއްގަމު މަގުން ޣައްޒާގެ ބޯޑަރު ހުރަސްކޮށް ވަދެ އުޅެނިކޮށް ހަމާސްގެ މުޖާހިދުން ދިން އެންމެ ވަރުގަދަ އެއް ކުރިމަތިލުން ކަމަށް މީޑިޔާތައް ބުނެއެވެ. އަދި ހަމާސްގެ ކުއްލި ކުރިމަތިލުމުގެ ސަބަބުން އިސްރާއީލް ސިފައިންގެ ފައުޖުތައް ވިއްސި ވިހާލިވެގެން ދިޔަ ކަމަށާއި، ބައެއް ފައުޖުތައް މައިދާން ދޫކޮށް ފިލަންދިޔަ ކަމަށާއި، ލިބުނު ގެއްލުންތައް ވަރަށް ބޮޑު ކަމަށް ވެއެވެ.
18 މާޗް 2025 ގައި ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސް ވުމަށް އަމަލުކުރަން ފެށިފަހުން، ފަލަސްޠީންގެ 2،100 މީހުން ޝަހީދުކޮށްލާފައިވެ އެވެ. އަދި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެކު ޖުމްލަ 51،400 މީހުން ޝަހީދުކޮށްލައިފި އެވެ.