ބޭސް ލިބުން ދަތިވެ އާންމުންގެ ޝަކުވާތައް އިންތިހާއަށް އިތުރުވެގެން ދިއުމުން ވެސް އެސްޓީއޯ އިން ބުނަމުން ގެންދިޔައީ ދަތިކަމެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ޚުދު ރައީސުލްޖުމްހޫރިއްޔާ ވެސް މިއަދު ޤަބޫލުފުޅު ކުރައްވާ ގޮތުގައި އަސާސީ ބައެއް ބޭސްތައް ލިބުން ދަތިވެއްޖެއެވެ.
ރައީސް ތުހުމަތު ކުރައްވާ ގޮތުގައި ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު، ބައެއް ވިޔަފާރިވެރިން ބޭސް ގެނައުން ގަސްދުގައި ހުއްޓާލީ ކަމަށެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އާސަންދަ ތެރެއިން 1،000 ނުވަތަ 2،000 ޕަސެންޓު ލައިގެން ބޭސް ވިއްކުން ހުއްޓުވާލުމުން ބަޔަކަށް ގެއްލުންތަކެއް ވާނެ ކަމަށެވެ. އޭގެ ބަދަލު ހިފުމެއްގެ ގޮތުން ސަރުކާރަށް ޖެއްސުންކުރަން ބައެއް ވިޔަފާރިވެރިން ބޭސް ގެނައުން ހުއްޓާލީ ކަމަށެވެ.
މި ޙަޤީޤަތް ފޮރުވަން ވެގެން އެކްޓިވިސްޓުން ވަރަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ އެންމެން ވެސް ޤަބޫލުކުރާ ގޮތުގައި މިއަށްވުރެ ބޭސް ލިބުން ދަތިވެގެންދިޔަ އެހެން އެއްވެސް އިރެއް ރާއްޖެ ފަހުގެ ތާރީޚެއްގައި ތަޖުރިބާކޮށްފައެއް ނުވެއެވެ.