މިލައުތުރު

ރައީސް ޔާމީނަށް ވަރަށް އިޙްތިރާމްކުރަން، ދެރައެއް ލިބޭކަށް ނޭދެން، ޝަރީއަތަށް ނުފޫޒެއް ނުފޯރުވާނަން – ރައީސުލްޖުމްހޫރިއްޔާ

ރައީސް އަބްދުﷲ ޔާމީނަކީ ރާއްޖޭގައި ހުންނެވި އެންމެ އިހުތިރާމް ކުރައްވާ އެއް ބޭފުޅާ ކަމަށާއި އެމަނިކުފާނުގެ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އިންތިހާބުވި ފުރަތަމަ ދުވަހު އިއުލާނުކުރެއްވި ގޮތަށް ޖުޑީޝަރީއަށް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށާއި އެއީ އެމަނިކުފާނުގެ ޟަމީރު ވެސް ގަބޫލުކުރައްވާ ކަމެއް ނޫންކަމަށެވެ.

އަދި ފުއްގިރި މައްސަލާގައި އަޑުއެހުންތައް އަލުން ފެށި ވާހަކަ ފެނުނީ ވެސް ނޫހުން ކަމަށާއި ޕީޖީ އޮފީހަކީ މިނިވަންކޮށް ހިނގާ ތަނެއް ކަމުގެ ޔަޤީންކަން އަރުވާކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މިނިސްޓަރަކަށް ހުންނެވިއިރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ހަޔާތުގައި ވެސް އެންމެ ގިނަ މަސައްކަތް ކުރެވިފައިވަނީ ޔާމީންގެ ދިފާއުގައި ކަމަށާއި، ދެން ވެސް ހުންނަވާނީ ހަމަ އެގޮތުގައި ކަމަށެވެ.