ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަރައިގެން މިއުޅޭ ރޯޅީގައި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ. ހުރިހާ ކަމެއް ވެސް ވަރަށް އަވަހަށް ރާސް ޓަސްލާފައި ދުއްވާލަނީ ސިޔާސީ ކޮންމެވެސް މަންފާގަނޑެއްގެ ދަހިވެތިކަމުގައި ކަން ޔަޤީނާ ގާތަށް ކަށަވަރުވެއެވެ.
ފަނޑިޔާރުކަމުގެ މަގާމުން ސަސްޕެންޑް ކޮށްފައިވާ އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމީ އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ. މިއީ ދިވެހިރާއްޖޭގައި ނޭވާލަމުންދާ އެންމެ ތުއްތު ކުއްޖާއަށް އޮޅޭނެ ކަމެއް ނޫނެވެ. ޤާނޫނުތަކުގައި އަހަރެމެން ލިޔެފައި ހުރި އެއްޗެއްގެ ނާޖާއިޒު ފައިދާތައް ނަގައިގެން އަދުލު އިންސާފުން އެއްކިބާވެ ކިތަންމެ ޖަރީމާއެއް ހިންގިކަމުގައި ވިޔަސް މަތީ ގަޑިން ގަޑިޖެހުނީމާ އެންމެ ސިކުންތެއް ވެސް ލަސްނުވެ ކަން ނިމޭނެއެވެ.
މި ދެ ބޭފުޅުން ވަކިކުރަން މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދާއިމީ ކޮމެޓީއަށް ފޮނުވަން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަށް ބިނާކޮށް މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. އެހެން ނަމަވެސް މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތުމުން މިއީ އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް ޤާނޫނު އަސާސީގައި ތިންބައިކުޅަ ދެބައި ކަމަށް ލިޔެފައި އެވަނީ ވެސް ސަބަބަކަށްޓަކައެވެ. ރައްޔިތުން ދިން އިތުބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުންކުރާ ވެރިންނަށް ހުރި ނުބައިކަމެއްގެ ބޮޑު ކަމާއެވެ.