ޝާން މުޙައްމަދު

އަންނަ އަހަރުން ފެށިގެން ބިއުޓީޝަނުންގެ ގޮތުގައި ބޭރުމީހުންނަކަށް ނުތިބެވޭނެ

އަންނަ އަހަރުން ފެށިގެން ބިއުޓީޝަނުންގެ ގޮތުގައި ބޭރުމީހުންނަކަށް ނުތިބެވޭނެ ގޮތް ހަދަން އުސޫލުތައް ބަދަލު ކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިއީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މުހިންމު ދާއިރާތަކުގައި ބިދޭސީން ހަރަކާތްތެރިވާ މިންވަރު މަދުކުރުމަށް ސަރުކާރުން ފަށާފައިވާ ޤައުމީ ފެންވަރުގެ މަޝްރޫޢުގެ ބައެއް ކަމަށެވެ.

ރައީސް ވިދާޅުވީ މި މަޝްރޫޢަކީ ތިން އަހަރު ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ. މީގެ ދަށުން، ދިވެހިންނަށް ޚާއްޞަ ދިހަ ދާއިރާއެއް ކަނޑައަޅައި، އެ ދާއިރާތަކުގައި ބިދޭސީންނަށް އަންނަ އަހަރުން ފެށިގެން މަސައްކަތް ނުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

މި ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އޮޑިދޯނިފަހަރު ބަނުން، ބިއުޓީޝަނުން، ރިސޯޓު މިއުޒީޝަނުން، ކަސްޓަމަރ ސަރވިސް، ހައުސްކީޕިންގ މެނޭޖަރުން، ފްރޮންޓް އޮފީސް މެނޭޖަރުން، އެޗްއާރު މެނޭޖަރުން، ޑައިވިންގ އިންސްޓްރަކްޓަރުން، އަދި ޓުއަރ ގައިޑުންނެވެ. ދިހަވަނަ ދާއިރާ އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.