ވާނުވާ ބަންދަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެވިފައިވީ ނަމަވެސް އެކަން ހައްލުކުރެވޭނެ ގޮތެއް ނުފެނުނު ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވެވި ބޮޑު ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ވާނުވާ ބަންދަކީ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އާންމު ބަހުރުވައިން ކިޔާ ނަމެކެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ވާނުވާ ބަންދުގައި ތިިބި މީހުންނަށް ލުއިގޮތެއް ހޯއްދަވައިދެއްވުމަށް ފޮލިހުގައި ވެސް އޭޖީ އޮފީހުގައި ވެސް އެދިވަޑައިގެން ކަމަށާއި، އެހެން ނަމަވެސް އެކަން ވާގޮތެއް ނުވިކަމަށެވެ.
މިހުރިހާ ވާހަކަފުޅުތަކެއް ވިދާޅުވެފައި ޖެހިގެން އައި ދުވަހު ވެސް އިމިގްރޭޝަން ކޮންްޓްރޯލާގެ މައްސަލައިގާ އެއްވެސް ހެއްކެއް ނެތި ބަންދުކުރި ބައެއް މީހުން، 3 ފަހަރަށް މުއްދަތު އިތުރުކުރުމަށް ފަހުގައި، ވާނުވާ ބަންދަށް މުއްދަތު ޖަހާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ރާއްޖޭގައި ފުލުހުން ކުރާ ތަހުޤީޤުތަކުގައި އެންމެ މުހިންމު ކަމަކީ ތުހުމަތު ކުރެވޭ މީހާ ޖަލުގައި ބަންދުކުރުމެވެ. އެހެނިހެން އުކުޅުތާ ވަޞީލަތްތަކާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހެކި ޖަމާކުރުމުގެ މަސައްކަތް ކުރެވެނީ ނިސްބަތުން މަދުންނެވެ. ނަތީޖާއެއްގެ ގޮތުން ބޮޑެތި ކުއްވެރިން ވެސް ޝަރީއަތުގެ މަރުޙަލާގައި ސަލާމަތް ވެއެވެ. މި މައްސަލައިގާ މިހާރު ރައީސް ހުންނެވީ ހައްދަވާނެ ގޮތެއް ނޭނގިފައެވެ.