ނިމިދިޔަ އޭޕްރީލް މަހުގެ ކަރަންޓު ބިލް ދިނުން ލަސްވަނީ ހުރިހާ ރައްޔިތުންނަށް ބޮޑު ޑިސްކައުންޓެއް ހަމަޖެއްސުމަށް ސަރުކާރާއެކު މަޝްވަރާ ކުރަމުންދާތީ ކަމަށް ފޯކައިދޫ ފެނަކަ ބްރާންޗުގެ އިސްވެރިޔާ މާހިދު ވިދާޅުވެއްޖެއެވެ.
މާހިދު އެހެން ވިދާޅުވީ ހުރިހާ ގޭބިސީތައް ހިމެނޭ ފޯކައިދޫ ފެނަކަ ވައިބަރ ގުރޫޕަށް ފޮނުވި މެސެޖެއްގައެވެ. މާހިދުގެ މެސެޖުގައި ބުނެފައިވާ ގޮތުން މުޅި ރާއްޖޭގެ ކަރަންޓް ބިލްތަކުގެ %75 ބިލްތައް އާދަޔާ ޚިލާފަށް ބޮޑުވެފައިވާ ކަމަށާއި، ސަރުކާރާ މަޝްވަރާކޮށްގެން ހަމަ ހަމަ އުސޫލަކުން ރަނގަޅު ޑިސްކައުންޓެއް ދިނުމަށް މަސައްކަތްކުރާތީ، ބިލް ހެދުން ލަސްވަނީ ކަމަށެވެ. އަދި ބިލް ހެދުމުގައި މި ދިމާވާ ދައްޗަކީ ހަމައެކަނި ފޯކައިދޫއަށް ދިމާވެގެން އުޅޭ ކަމެއް ނޫންކަމަށާއި، ރާއްޖޭގެ އެއްވެސް ރަށެއްގައި އަދި ކަރަންޓް ބިލްތައް ނުދޭކަމަށެވެ.
ކަރަންޓް ބިލްތައް ބޮޑުވެދާނެ ކަމުގެ އިޝާރާތެއް ސްޓެލްކޯ އެމްޑީ ވަނީ މީގެ މާކުރިން ވެސް ދެއްވާފައެވެ. އާދަޔާ ޚިލާފަށް ހޫނު މައްޗަށް ދާ ކަމަށާއި، އޭސީތައް 25 ޑިގްރީގައި ބެހެއްޓުމަށް އިރުޝާދު ދެެއްވިއެވެ. އެހެން ނަމަވެސް ރައްޔިތުން އެކަން ކަމަށް ނުބެލުމުގެ ސަބަބުން އޭޕްރީލް މަހުގެ ކަރަންޓް ބިލް ވަނީ އަތްނުފޯރާ ފަށަށް މައްޗަށް ގޮސްފައެވެ. ސަރުކާރުން ލުއި ގޮތެއް ހައްދަވައިދެއްވުމަށް މުހިންމު މަސައްކަތްޕުޅުތަކެއް އެބަ ކުރައްވައެވެ. އަދި ރައްޔިތުންގެ ކެތްތެރިކަމަކީ މުހިންމު ކަމެކެވެ.