ޝާން މުޙައްމަދު

ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ކޮންމެ ރައްޔިތެއްގެ ހައްގުތައް ރައްކާތެރިކުރެވޭ ފަރުދީ ޒިންމާއެއް: ނައިބު ރައީސް

ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތަކީ ކޮންމެ ރައްޔިތެއްގެ ހައްގުތައް ރައްކާތެރިކުރެވޭ ފަރުދީ ޒިންމާއެއް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ވިދާޅުވީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތަކީ ހަމައެކަނި ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ނޫންކަމަށެވެ. އެއީ، އޭގެ ސަބަބުން ކޮންމެ ރައްޔިތެއްގެ ހައްގުތައް ރައްކާތެރިކުރެވޭ ފަރުދީ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ 2025، ހުޅުުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިއަހަރުގެ ފޯރަމްގެ މަޢުޟޫޢު ”ސްޓްރެންތެނިންގ އިންޓެގްރިޓީ އެންޑް ކޮމްބެޓިންގ ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓަރ“ އަކީ މިއަދުގެ ހާލަތާއި ގުޅޭ މައުޟޫއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންވެސްޓަރ ކޮންފިޑެންސާއި ރައްޔިތުންގެ އިތުބާރު ހޯދުމުގައި ނަޒާހަތްތެރިކަމާއެކު ފަތުރުވެރިކަމުގެ ދާއިރާ ހިންގުމުގެ މުހިންމު ކަމަށްވެސް އެމަނިކުފާނު އަލިއެޅުއްވިއެވެ. އެގޮތުން ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމަކީ ސެކްޓަރުގެ ދެމެހެއްޓެނިވިކަމާއި، ބައިނަލްއަގްވާމީ މައިދާނުގައި ގައުމުގެ ރިވެތި ނަން ދެމެހެއްޓުމާއި، ދިގުމުއްދަތުގެ ކުރިއެރުން ކަށަވަރުކުރުމަށް އެންމެ މުހިންމުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމަކީ ރާއްޖޭގެ ޕްރެމިއަރ ޑެސްޓިނޭޝަން ލަގަބު ދެމެހެއްޓުމަށް އޮތް މަގު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނައިބް ރައީސް ވިދާޅުވީ، އީޖާދީ ވިސްނުމާއި ކެޕޭސިޓީ ތަރައްޤީކުރުމުގައި ސަރުކާރުތަކާއި، ޕްރައިވެޓް ސެކްޓަރ، މަދަނީ ޖަމިއްޔާތަކާއި، ބައިނަލްއަޤްވާމީ އިދާރާތަކުގެ ދައުރަށްވެސް ބައްލަވާލައްވާފައިވާ ކަމަށެވެ. ހަރުދަނާ ސިޔާސަތުތަކާއި، މޮނިޓަރކޮށް ތަންފީޒުކުރުމާއި، ޤަވާއިދުން އިވޭލުއޭޓްކުރުމާއި، އޭގެ ސަބަބުން އަންނަ ބަދަލުތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާގެ އޯވަސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީގެ ރައީސް، ހިޒް އެކްސެލެންސީ މާޒިން ބިން އިބްރާހީމް އަލް-ޚަމޫސް ވަނީ ދެގައުމުގެ މެދުގައި އޮތް ގުޅުމާއި އެއްބާރުލުން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

ދެދުވަހުގެމުއްދަތަށް ކުރިއަށްދާ އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ އަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރު ޤައުމުތަކުގެ އެންޓި-ކޮރަޕްޝަން އިދާރާތަކަށް އަމާޒުކޮށްގެން ހިންގާ ފޯރަމެކެވެ. މިފޯރަމްގައި 180އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ.