މުޅި ރާއްޖޭގައި ތަފާތު ސްކޭމްތައް ހިންގަމުންދާ ދުވަސްވަރެއްގައި ރައީސުލްޖުމްހޫރިއްޔާ ވެސް އެފަދަ ބޮޑު ސްކޭމެއްގައި ޖެހުނީތޯ މީހުން ސުވާލުކުރަން ފަށައިފިއެވެ.
ސައުދީ އަރަބިޔާގެ ޝާހީ އާއިލާގެ މެންބަރެއްގެ ގޮތުގައި ޕްރިންސް ފަހަދު އަލްޝަނަލް ނަމަކަށް ކިޔާ މީހަކު ރައީސާ ބައްދަލުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އަދި ސައުދީ ޕްރިންސަކަށް އަރުވަންޖެހޭ އެންމެ މަތީ ލެވެލްގެ މެހެމާންދާރީ އާއި ޢިއްޒަތް އަރުވާފައިވެއެވެ.
އެހެން ނަމަވެސް، ސައުދީ އެމްބަސީއަށް އެއީ ޝާހީ އާއިލާގެ މެންބަރެއްކަން ޔަޤީންނުވާކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފާޑުކިއުންތައް ދަނީ އިތުރުވަމުންނެވެ. އަދި ސައުދީ ސަރުކާރުގެ ފަރާތުން ވެސް އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާ ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.
މިއީ ޙަޤީޤަތެއް ކަމަށްވާނަމަ ރާއްޖޭގެ އިންޓަލިޖެންސް ކޮބާހެއްޔެވެ. ބޭރު ޤައުމެއްގެ ބަޔަކު އައިސް ރައީސުލްޖުމްހޫރިއްޔާ ސްކޭމްކޮށްލާފައި ދެވިގެން ނުވާނެއެވެ. އެއަށް ވުރެ ދިވެހި ދައުލަތް ހުޝިޔާރުވާން ވާނެއެވެ. މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.