ފަލަސްޠީނަށް ތާއީދު ކުރުމުގައި ޔަމަނުން ފަހަތަށް ނުޖެހޭނެ ކަމަށާއި، ޣައްޒާގައި ޤަތުލުކުރަމުން އެގެންދާ ކުށެއް ނެތް މުސްލިމް އަޚުންނާއި އުޚުތުންގެ ލެޔަށް ވުރެ އެމީހުންގެ ލޭ މުހިންމުނުވާ ކަމަށް އަންސާރުاللهގެ ރަސްމީ ބަޔާނެއްގައި ބުނެފިއެވެ.
ޔަމަނުގެ އެންމެ މަތީ ސިޔާސީ މަޖިލީހުގެ ރައީސް މަހުދީ އަލް މަޝާތު ވިދާޅުވީ ކޮންމެ ފަދަ ޤުރުބާނީއެއް ވާންޖެހުނަސް އަދި ކިތަންމެ ބޮޑު ގެއްލުމެއް ދިނަސް، ސަނާ އިން ޣައްޒާއަށް ތާއީދު ކުރުމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށާއި، ފޭރިގެންފައިވާ ބިންތަކުގައި ވަޒަންވެރިވެގެން ތިބި އިސްރާއީލުގެ ހުރިހާ ރައްޔިތުން ވަގުތުން ދިއުމަށް އިންޒާރު ދެއްވާ ކަމަށާއި، ޔަހޫދީ ސަރުކާރަށް އެމީހުން ޙިމާޔަތް ނުކޮށްދެވޭނެ ކަމަށެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވަރުގަދަ އުޤޫބާތާ ކުރިމަތިލާންޖެހޭނެ ކަމަށާއި، މިހާތަނަށް ބޭނުންކުރީ އެމީހުންގެ ޒަމާނީ ވަޞީލަތްތަކުގެ ކުޑަ މިންވަރެއް ކަމަށެވެ. އަދި އެންމެ ޒަމާނީ މިސައިލް ޓެކްނޮލޮޖީ އެމީހުންގެ އަތުގައި އެބަ ހުރިކަމަށާއި، އިޒްރޭލްގެ ނިއުކްލިއަ ހަކަތަ އުފައްދާ މަރުކަޒުތަކަށް ޙަމަލާދިނުމުގެ ޤާބިލްކަން އެބަ ހުރިކަމަށެވެ. އެފަދަ ތަނަކަށް ހަމަލާދީފިނަމަ އިޒްރޭލަށް މެނޭޖު ނުކުރެވޭނެ ކަމަށެވެ.