މިހާރަކަށް އައިސް ޚުދު ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ ފަރާތްޕުޅުން ވެސް މާ ބޮޑު ސީރިއަސް ކަމެއް ނުފެނެއެވެ. މެންބަރުންގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލިޔަސް ވަނީ ސަމާސާ އަށެވެ.
މަޖިލިސް މެންބަރުންގެ މިނިވަންކަމަށް ހުރަސްއެޅިފައިވާ ކަމަށް ވިދާޅުވެ މެންބަރަކު ވިދާޅުވުން ވެސް ވެގެންދިޔައީ ސަމާސާ އަށެވެ. މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތްތައް ބަޔާންކޮށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ވެސް އާޚިރުގައި މިވީ ސަމާސާ އަށެވެ.
މަޖިލިސްގެ މެންބަރަކު އެކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރެއްވުމުން އެކަން ވެސް ވީ ސަމާސާ އަށެވެ. އެ ކަމަށް ރައްދު ދެއްވާ ޚުދު މަޖިލިސްގެ ރައީސް ވެސް ވާހަކަފުޅު ދެއްކެވީ ސަމާސާ ރާގަކަށެވެ.
”އިއްޒަތްތެރި މެމްބަރު. ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ކަމަށް ވާހަކައެއް ނެތް ގާނޫނުއަސާސީއަކު އެއް. އަޅުގަނޑު މި ޖެހެނީ ކޮންމެ ފަހަރަކު އެކަންކަން ރަނގަޅު ކޮށްލަދޭން. އެވާހަކަ އެގޮތަށް ލިޔެފަ އެބައޮތްތޯ ގާނޫނުއަސާސީގައި.“
އަދި އިތުރަށް ވިދާޅުވީ ގާނޫނު އަސާސީއަށް ގެނައި ބަދަލާއި އެކު ގަވައިދެއް ހަދަންޖެހޭނެ ކަމަށާއި، އެކަން ނުކޮށް މެންބަރުންގެ ގޮނޑި ގެއްލޭ ވާހަކަ ނުދެއްކޭނެ ކަމަށެވެ.
“ އޭގަ އޮންނާނެ. އެ ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން އެކުލަވާލެވޭ ގާނޫނެއްގެ ވާހަކަ. އޮންނާނެ. އޮންނާނެ. އޮންނާނެ.“
މިދިޔަ އަހަރުގެ ނޮވެމްބަރު 20 ގައި ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި ބަދަލުގައި މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭނެ ތިން ގޮތެއްވަނީ ހިމަނާފައެވެ. އޭގައި ބުނެފައިވަނީ މެމްބަރަކު ޕާޓީން ވަކިވެއްޖެނަމަ، ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށެވެ.