މިލައުތުރު

ޤާނޫނުތައް ފަރުމާކޮށް، މަޖިލިސް ތަޅުމުގައި ބަހުސްކޮށް އަދި ފަހުން އިސްލާޙު ވެސް ކޮށްފައި، ދެން މުގުރާލަނީތޯއެވެ.

އަދުލު އިންސާފު ޤާއިމް ކުރުމުގެ އެންމެ މަތީ މަރުޙަލާގެ ކޯޓް ކަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަރަށް ކުއްލިގޮތަކަށް ކަމުނުގޮސްގެން މިއަދު ވަކިކޮށްލައިފިއެވެ.

ޕީއެންސީއަށް ތާއީދުކުރާ މީހަކަށް އެކަމުގައި އެއްވެސް ގޯހެއް ނެތެވެ. ދެން ތިބިހާ ބަޔަކަށް އެއީ ޤާނޫނާ ޚިލާފަށް ހިންގި ބޮޑު ސިޔާސީ ސަކަރާތެކެވެ. އެ ސަކަރާތުގެ އެންމެ ފަހު ތަޅާލުން އޮތީ ދިވެހި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ. އަދި އެ ސަކަރާތް ޖެއްސެވީ ރައްޔިތުންގެ މަންދޫބުންނެވެ.

އަދަދު ނޭނގޭހާ ގިނަ ޤާނޫނުތައް އެކި ޤައުމުތައް ނަކަލުކޮށްގެން ނިކަން ފުރިހަމައަށް ހަދާކަމަށް ވިދާޅުވާނެއެވެ. އަދި އިސްލާޙު ނުކޮށް އެހެން އެއްވެސް ކަމެއް ނުވެގެން އުޅެފާނެތެވެ. އަދި އެ ޤާނޫނަށް ބެލުމެއްނެތި ކިތަންމެ ބޮޑު ކަމެއް ވެސް ދަމާލާ ރޯނެއްފަދަ ވިޕްލައިނަކުން ނިންމާލަފާނެެތެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ އާއި އަލްއުސްތާޛު މަހާޒް ވަކިކުރުމުގެ މައްސަލަ ހިންގާފައިވަނީ ޤާނޫނީ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ކަމަށް ރައްޔިތުންގެ މަޖިލިސްގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވީމާ އެއީ ޤާނޫނީ ބުރަދަނެއް ހުރި ލަފަޔަކަށް ނުވިއެވެ.

ފިލްޒާގެ ޤާނޫނީ ލަފާގައިވާ ގޮތުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމުގެ ކުރިން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ޖުޑީޝަލް ސާވީސް ކޮމިޝަނުން ފޮނުވަންޖެހޭ ކަމަށާއި، އެކަން ފުރިހަމަ ކޮށްފައިނެތް ކަމަށް ވިދާޅުވުމުން އެއީ ބަލަންޖެހޭ ކަމެއް ނޫންކަމުގައި ވެއްޖެއެވެ.

މި ޤައުމުގެ މިސްރާބު ރަނގަޅުތޯ ނޫންތޯ ބަލާނީ ފަހެ ކޮން ބައެއް ހެއްޔެވެ.

One Reply to “ޤާނޫނުތައް ފަރުމާކޮށް، މަޖިލިސް ތަޅުމުގައި ބަހުސްކޮށް އަދި ފަހުން އިސްލާޙު ވެސް ކޮށްފައި، ދެން މުގުރާލަނީތޯއެވެ.”

  1. އިސްމާއީލު

    ޖަންގަލީގެ ޤާނޫނު

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި