މިލައުތުރު

ވެރިކަމާއެކު ރައްޔިތުންގެ މަޖިލިސް އާއި މަތީ ފަނޑިޔާރުގޭގެ ކޮންޓްރޯލް ވެސް ލިބިއްޖެ، ދެން މަދުވަނީ ފަހެ ކޮން ކަމެއްބާއެވެ.

މިހާރު ހިނގަމުން މިދާ ސަރުކާރަށް ދެ އަހަރު ފުރެން ދާއިރު، ރަށެއްގައި އަތޮޅެއްގައި ތަރައްޤީގެ އެއްވެސް ވިންދެއް އަދި ޖަހައިނުލާތީ، ރާއްޖޭގެ ރައްޔިތުން އިންތިހާއަށް ކަންބޮޑުވެ، މާޔޫސްވުމާއެކު ޝަކުވާތައް ބަންޑުންވެފައި ވަނިކޮށް، ފެނިގެން މިދިޔައީ އަދުލު އިންސާފު ޤާއިމުކުރުމަށް ވީ ވައުދު މަދު ދުވަސްކޮޅެއްގެ ތެރޭގައި ފުއްދި މަންޒަރެވެ. ދިވެރިރާއްޖޭގެ ދުސްތޫރީ ކޯޓުން ބޭރުކުރާން ހިތުނިޔަތް ގަތް މީހަކު ވިއްޔާ ބޭރުކޮށްފިއެވެ. ބަޔަކު ކުރަހަން ބޭނުންވި އަކަ ކުރަހާ ފުރިހަމަ ކޮށްފިއެވެ.

ތިމަންނަމެންނަށް ސަރުކާރު ލިބިއްޖެނަމަ ”މިހާ އެހާ ގިނަ“ ކަން ކަން ކޮށްލާނެ ކަމަށް ގޮވާ ސަޅިބައިސާތައް ކަނޑަމުން ދުވަމުން ފުމެމުން އުޅެނިކޮށް ސަރުކާރު ވެސް ލިބިއްޖެއެވެ. އެއްވެސް ކަމެއް ކުރާން ނޭނގުމުން މަޖިލީހާ މަތިކުރިއެވެ. އެއްވެސް ފަސްޖެހުމެއް ނެތި، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވެސް ރައްޔިތުން ވެދުމަށް އަރުވައިފިއެވެ. އެހެން ނަމަވެސް، ތަރައްޤީގެ ދުވެލީގައި ވިންދެއް ޖަހައެއް ނުލިއެވެ. އިޤްތިޞާދީ މާލީ ޙާލަތަށް ދުޅަ ހެޔޮ ކަމެއް، ހަމަޖެހުމެއް އަންނަ ތަނެއް ނުފެނުނެވެ. އަދި ރައްޔިތަކަށް ހިތްހަމަޖެހުމެއް ލިބޭ ތަނެއް ވެސް ނުފެނުނެވެ.

17 ނޮވެމްބަރ 2025 އަށް ދެ އަހަރު ފުރޭނެއެވެ. މި އަހަރަކީ ރައްޤީގެ އަހަރު ކަމުގައި އިޢުލާން ކުރެއްވި އަހަރެވެ. އަހަރު ދެބައި ވަނީއެވެ. އެ ބުނާ ތަރައްޤީ އަންނަތަން ފެންނަ އާންމު އެއްވެސް ރައްޔިތަކު ނެތެވެ. ތަރައްޤީގެ ބޭންކެއް އުފައްދަމާ މާ ސިންގާ ބޮޑު އިފްތިތާޙީ ޖަލްސާއެއް ބޭއްވެވި އެވެ. އެތަނުގައި މައުދަނުން ބޮޑު ކޮށް ނަމެއް ޖެހުން ފިޔަވައި އިތުރު އެއްވެސް ކަމެއް އަދި ކުރެވިފައެއް ނެތެވެ. ބޭންކަށް އައްޔަނުކުރި ފުރަތަމަ ސީއީއޯ އާއި، ބައެއް ބޯޑް މެންބަރުނަށް ކުރާނެ ކަމެއް ނެތިގެން އަމިއްލައަށް އިސްތިއުފާ ދީފިއެވެ.

މަދު ވެގެން މިއުޅެނީ އިތުރު ކޮންބާރެއް ކަމެއް ނޭނގެއެވެ. ތިން ބާރުން ކުރެ، އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު ވެސް އިއްޔެގައި އަންބޮނޑިއަށް ހެޔޮވަރު ކޮށްލެވިއްޖެއެވެ. ފުލު ފުލުގައި ތިން ފަނޑިޔާރުން ބޭރުކޮށްލެވިއްޖެއެެވެ. އުއްތަމަފަނޑިޔާރު ރިޓަޔާ ކުރައްވަން ހުށަހަޅުއްވައިފި އެވެ. މިނިވަން މުސްްތަޤިއްލު ދައުލަތެއް ހިނގާ ޤައުމެއްގައި މިވަރުގެ ކަމެއް ފެންނާނީ ވަރަށް ނަޞީބުވެރި ބަޔަކަށެވެ. މިއީ ޤައުމެއްގައި ފެނުން ވަަރަށް ނާދިރު ކަމެކެވެ. ދިވެހީންނަށް މި މަންޒަރުތައް ފެނުމުގެ ނަޞީބު ލިބިއްޖެއެވެ.