މިލައުތުރު

ނިއުކްލިއަ ހަތިޔާރު އުފައްދާނެ ވަގުތެއް އީރާނަކަށް ނުދޭނަން – ޓްރަމްޕް

އީރާނުން ކިތަންމެ މަސައްކަތެއް ކުރިޔަސް، ނިއުކްލިއަ ހަތިޔާރު އުފައްދަން ވަގުތު ނުދޭނެ ކަމަށް އެމެރިކާގެ ރައީސް ޑްނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ފޮކްސް ނޫހަށް މިދިޔަ ހުކުރު ދުވަހު ދެއްވި ބަސްދީގަތުމެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ އިންޒާރުގެ ޤަރާރެއް ވަރަށް އަވަހަށް ފާސްކުރާނެ ކަމަށާއި، ޞުލްޙަވެެރި ގޮތުގައި ނުވަތަ ބާރުގެ ބޭނުންކޮށްގެން ވިޔަސް އީރާންގެ ނިއުކްލިއަ ޕްރޮގްރާމް ހުއްޓުވާނެ ކަމަށެވެ.

ރައީސް ޓްރަމްޕް އިތުރަށް ވިދާޅުވީ މިހާރު ވެސް އީރާނަށް ވަރަށް ވަގުތު ދެވިއްޖެ ކަމަށާއި، ދެން މާ ގިނަ ވަގުތެއް ނެތް ކަމަށެވެ. އީރާނަށް އޮތީ ”ގަދަ ނުދައްކާ ހުއްޓާލުން“ ނޫނީ ”އުޤޫބާތާ ކުރިމަތިލުން“ ކަމަށެވެ.

އީރާނަށް ވަރަށް ފުރުޞަތު ދެވިއްޖެ ކަމަށާއި، ރައީސް ޓްރަމްޕްގެ ހުށަހެޅުން ޤަބޫލް ކޮށްފިނަމަ، އީރާނަށް އޮތީ އުފާ ފާގަތި ދުވަސްތަކެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި ވަރަށް އާދަޔާ ޚިލާފު މޮޅު ހުށަހެޅުމެއް އެބަ އޮތް ކަމަށާއި، އީރާނުން ޤަބޫލުކޮށްފި ނަމަ ލާބަޔާ މަންފާ ލިބޭނެ ހުށަހެޅުމެއް ކަމަށެވެ.