މިލައުތުރު

ޞަހްޔޫނިއްޔަތު (ޒަޔަނިޒަމް)ގެ ވާހަކަ ކީރިތި ޤުރުއާނުގައި ވެސް ބަޔާންވެގެންވޭ.

ކީރިތި ޤުރުއާނުގެ މާޢިދާ ސޫރަތުގެ 82 ވަނަ އާޔަތުގެ މާނައިގާ ވަނީ ”އީމާންވި މީހުންނަށް މީސްތަކުންކުރެ، ޢަދާވާތްތެރިކަން އެންމެ ބޮޑުބަޔަކީ ޔަހޫދީންނާއި ޝަރީކު ކުޅަ މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އީމާންވި މީހުންނަށް މީސްތަކުންކުރެ ރަޙުމަތްތެރި ކަމުގެ ގޮތުން އެންނެ ގާތްބަޔަކީ ތިމަންމެންނީ ނަޞާރާއިންނޭ ބުނި މީހުން ކަމުގައި، ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއީ ހަމަކަށަވަރުން، އެއުރެންގެ ތެރެއިން ފާދިރީންނާއި އަޅުވެރި ރާހިބުން ވާކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނީ ބޮޑާވެނުގަންނަ ބަޔަކު ކަމުގައި ވެސް ވާކަމަށްޓަކައެވެ.“

އިސްވެ ބަޔާންކުރެވުނު އާޔަތުގެ ކުރިން، މާޢިދާ ސޫރަތުގެ 51 ވަނަ އާޔަތުގައި ވަނީ ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިބީހުން ޔަހޫދީންނާ ނަޞާރާއިން އެއީ އެކުވެރިން ކަމުގައި ނުބަލާށެވެ. އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއް ބައެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިންކަމުގައި ބަލައިފި މީހާ، ދަންނާށެވެ. ފަހެ، ހަމަކަށަވަރުން، އެއީ އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ.“

މި ދެ އާޔަތަށް ބަލައިލުމުން މި ދެ އާޔަތުގެ މާނަ ޚިލާފުވެފައިވާ ކަމަށް ވިސްނިދާނެއެވެ. އެހެނީ 82 ވަނަ އާޔަތުގައި ނަޞާރާއިންނަކީ މުސްލިމުންނާއި ގާތްބައެކޭ ވަޙީގެ ބަސްފުޅުގައި ވާއިރު 51 ވަނަ އާޔަތުގައި އެވަނީ ނަޞާރާއިން އެކުވެރިން ކަމުގައި ނުބެލުމުގެ އަމުރެކެވެ. 51 ވަނަ އާޔަތުގައި ބަޔާންވެގެން ވަނީ ނަޞާރާއިންގެ ތެރެއިން ވަކި ޚާއްސަ ބައެއްގެ ވާހަކައެވެ. އެއީ ޔަހޫދީންނާއި ގުޅިގެން އުޅޭ އަނިޔާވެރި ބައެއްކަން އެ އާޔަތުގެ ނިމޭ ޖުމުލައިން ސާފުވާން އޮތުމެވެ. ދުނިޔޭގެ ޙަޤީޤަތަށް ނަޒަރު ހިންގާލުމުން، ޔަހޫދީންނާއި ނަޞާރާއިންގެ ތެރެއިން އެއްބަޔަކު އަނެއްޔަކާއި ގުޅިގެން ދުނިޔޭގައި އަނިޔާވެރިކަން ހިންގަމުންދަނީ ޞަހްޔޫނީންކަން ސާބިތުވެއެވެ. ޞަހްޔޫނިއްޔަތުގެ އަނިޔާވެރި ފިކުރުގެ ޔަހޫދީންނާ ނަޞާރާއިން ވަނީ އަނިޔާވެރިކަމާއި ބޮޑާކަމުގައި ހައްދު ފަހަނަ އަޅާގޮސްފައެވެ. ޞަހްޔޫނީންވަނީ އެމީހުންގެ މަކަރުވެރިކަމާ އަނިޔާވެރިކަމުގެ ރޭވުންތެރިކަމުގެ ތެރެއިން، ޔޫރަޕުން ފައްސާލެވުނު ޔަހޫދީންނަށް ފަލަސްޠީނުގެ ބިމުގައި އަނިޔާވެރި ލާއިންސާނީ ޖަރީމާތަކުގެ މައްޗަށް، އެ ޤައުމުގެ ހުރިހާ ސިޔާސަތެއް ބައްޓަންކޮށް ހިންގާ ޣައިރު ޤާނޫނީ ދައުލަތެއް ޤާއިމް ކޮށްދީފައެވެ. އަދި އެދައުލަތް ފުޅާކޮށް، މެދު އިރުމަތީގެ ހުރިހާ ބާރެއް އިޒްރޭލްގެ ޣައިރު ޤާނޫނީ ދައުލަތުގެ މުށުތެރެއަށް ޖަމާކުރުމަށްޓަކައި ނަސްލު ނައްތާލުމާއި، ނަސްލު ފައްސާލުމުގެ ޖަރީމާތައް އެގެންދަނީ ހިންގަމުންނެވެ.

މާޢިދާ ސޫރަތުގެ 51 ވަނަ އާޔަތުގައި ބަޔާންވެގެން އެވަނީ ޞަހްޔޫނީންގެ ވާހަކަކަން ސާފުވެއެވެ. މީގެ އިތުރުން 82 ވަނަ އާޔަތުން އެނގިގެން ދަނީ ނަބީކަމުގެ ޒަމާނުގައި ފެނި ތަޖުރިބާ ކުރެވުނު ރަނގަޅު ނަޞާރާއިންގެ ވާހަކަ ކަމެވެ. އެފަދަ ނަޞާރާއިން މިހާރުވެސް އުޅޭކަން ފާހަގަކުރެވެއެވެ. ހަމަ އެގޮތަށް ޔަހޫދީންގެ ތެރޭގައިވެސް މޫސާގެފާނުގެ ޝަރީއާގައި ސާބިތުވެ ތިބި ޔަހޫދީން މަދުން ނަމަވެސް އުޅެދާނެއެވެ.

ނޯޓް: މިއީ ޑރ. އިސްމާއިލް ނިޒާމް ފޭސްބުކްގައި ލިޔުއްވާފައިވާ ލިޔުމެކެވެ.