މިލައުތުރު

އަލް-ޤައްސާމް ބްރިގޭޑްސް މުޖާހިދުންގެ ކުއްލި ހަމަލާއެއްގައި އިޒްރޭލްގެ ޓޭންކްތަކެއް ގޮއްވާލައިފި.

ޣައްޒާގެ ދެކުނުގައި އެތެރެއަށް ވަންނަމުންދިޔަ އައިޑީއެފްގެ ޓޭންކްތަކަށް އަލް-ޤައްސާމް ބްރިގޭޑްސްގެ މުޖާހިދުން ކުއްލި ހަމަލާއެއްދީ ތިން ޓޭންކް ގޮއްވާލާ އޭގައި ތިބި ގިނަ ސިފައިން މަރާލައިފިއެވެ.

މި ޙަމަލާގައި ލިބުނު ގެއްލުން ބޮޑުކަމުން މިކަމުގެ ޚަބަރުތައް ވަނީ އިޒްރޭލް ސިފައިން މީޑިޔާތަކަށް ސިއްރުކޮށްފައެވެ. އެހެން ނަމަވެސް އެ ސަރަޙައްދު ކަވަރުކުރަމުންދިޔަ ބައެއް ނޫސްވެރިންގެ ކެމެރާތަކަށް ޒަޚަމްވެފައިވާ ގިނަ އަދަދެއްގެ ސިފައިން ހެލިކޮޕްޓަރުގައި އުފުލާ މަންޒަރުތައް ވަނީ ރެކޯޑް ކުރެވިފައެވެ. އަދި ޣައްޒާގައި އިޒްރޭލް ސިފައިންގެ އިސް އޮފިސަރަކު މަރުވެފައިވާކަން މިހާރު ވަނީ އިޢުލާން ކޮށްފައެވެ.

ޣައްޒާގައި ހުރި އިމާރާތްތަކާ ގަސްތައް އެއްކޮށް ކަހަލަ ގޮތަކަށް ނައްތާލާފައިވުމާއެކު ، ހަމާސްގެ މުޖާހިދުން ހަނގުރާމަކުރަމުން ގެންދަނީ ފޮރުވިގެން ތިބެ، ކުއްލި ކުއްލިއަށް ކަމަށާއި، އިޒްރޭލް ސިފައިންނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށާއި، ފްރަންޓް ލައިންގައި ހަނގުރާމަކުރަން ސިފައިން ދެކޮޅު ހަދާކަމުގެ މަޢުލޫމާތުތަކެއް ފެތުރިފައި ވެއެވެ. އަދި ރިޒާވް ސިފައިންގެ ފަންސާސް އިންސައްތަ މީހުން ހަނގުރާމައިގާ ބައިވެރިވުމަށް ދެކޮޅު ހަދާކަމަށާއި، އެކަން ކޮންޓްރޯލް ނުވެގެން ބައެއް މީހުން ޖަލަށް ލާފައި ވެއެވެ.

އިޒްރޭލް ސިފައިންނަށް ހަނގުރާމަ ކާމިޔާބުނުވުމުގެ މާޔޫސްކަމާ ރުޅިވެރިކަމުގައި ޣައްޒާގެ އާންމުންނަށް ހަމަލާދިނުމާއި، ޤަތުލުއާންމުތައް ހިންގުމާއި، މުޅި ޣައްޒާ ބަންދުކޮށް ބަނޑަށްޖެއްސުމުގެ ސިޔާސަތެއް ތަންފީޒުކުރަން ވަނީ ފަށާފައެވެ. ހައްދުފަހަނައެޅި ޔަހޫދީ ފައުޖުތަކުން ދެކޭގޮތުގައި ޣައްޒާ އެއްކޮށް ބަންދުކޮށް، ކާނެއެއްޗެއް ބޯނެއެއްޗެއް ލިބުނަނުދީ ހިފަަހައްޓާލުމުން ހަމާސްގެ މުޖާހިދުންނާއެކު އެންމެން ޝަހީދުކޮށްލެވޭނެއެވެ.