ބްރާޑްކާސްޓިންގ ކޮމިޝަންގައި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މެންބަރުން ހުރަސްއަޅާކަމަށް ތުހުމަތުކޮށް، މުވައްޒަފުން ހަޅުތާލަށް ނިކުތީ އިއްޔެގައެވެ.
ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ސަސްޕެންޑް ކުރުމާގުޅިގެން މުވައްޒަފުން ވަނީ މަސައްކަތް ހުއްޓާލުމަށް ފަހު، އިހުތިޖާޖުކުރުމުގެ ގޮތުން ގެއަށް ގޮސްފައެވެ. ކޮމިޝަނުން ވެސް މައްސަލަ ފިނިކުރުމުގެ ބަދަލުގައި އިޚުތިޔާރު ކުރީ ކޮމިޝަނަށް ލިބިފައިވާ ޤާނޫނީ ބާރުގެ ބޭނުންކުރުމަށެވެ. މައުލޫމާތު ލިބޭގޮތުގައި އައިޓީ އޮފިސަރުގެ މަޤާމުގައި ހުރި ފަޒީލް ވަނީ 07 ދުވަހުގެ މުއްދަތަށް މިއަދު ސަސްޕެންޑް ކޮށްފައެވެ.
ކޮމިޝަންގެ ސީނިއާރ މުވައްޒަފަކު ނަންހާމަނުކުރުމަށް ޝަރުތުކޮށް ބުނެފައިވަނީ ”އަސްލު އެތަނުގެ ސާރވާރއަކީ އިރުއިރުކޮޅާ ޑައުންވެފައި އޮންނަ އެއްޗެއްކަން ކޮމިޝަންގެ މެންބަރުންނާއި އެންމެހާ މުވައްޒަފުންނަށް ވެސް އެގޭނެ. ދުވާލަކު ދެތިން ހަތަރު ފަހަރު ކަރަންޓް ވެސް ދާނެ. އެއީ ކޮމިޝަނަރުން ފަރުވާކުޑަކަމުން ހައްލުނުވެއޮތް ކަމެއް.“ ކަމަށެވެ.
ދުވާލަކު ތިން ހަތަރު ފަހަރު އައިޓީ އޮފިސަރު އުޅެންޖެހެނީ ސާވަރު މައްސަަލަ ޖެހިގެން ކަމަށާއި، މިއަދު ސާވަރު ޑައުންވި ވަގުތަކީ މުވައްޒަފުން ހަޅުތާލުކޮށް، މަސައްކަތްނުކޮށް، ގެއަށް ގޮސަފައިވަނިކޮށެވެ. އެ މައްސަލަ އާއި ގުޅުވައިގެން އައިޓީ އޮފިސަރު ސަސްޕެންޑް ކުރުމަކީ މުވައްޒަފުން އިތުރަށް ދެރަކޮށް ކޮމިޝަނަރުންގެ ބާރުގަދަކަމަށް ދައްކަން ކުރި ނާތަހުޒީބު އަމަލެއް ކަމުގައި ބައެއް މުވައްޒަފުން ތުހުމަތު ކުރެއެވެ. އަދި އެ މުވައްޒަފު ޕޮލިހަށް ހާޒިރުކޮށް ބަޔާން ނެގުމަށް ކޮމިޝަނަރުން މަސައްކަތް ކުރަމުންދިއުމަކީ ބިރުދެއްކުމުގެ އަމަލެއް ކަމަށެވެ.