ޝާން މުޙައްމަދު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ އަދަދު 146 އަށް

ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު ތިބި ކުދިންގެ އަދަދު 146 އަށް އަރާފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުނެފި އެވެ.

ފެމިލީ މިނިސްޓްރީން ބުނި އެންމެ ފަހުން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެންދެވުނީ މިދިޔަ މަހުގައި ކަމަށެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް ދައުލަތުގެ ބެލުމުގެ ދަށަށް ހަތަރު ކުއްޖަކު ވަނީ ނަގާފައެވެ.

އެ މިނިސްޓްރީން ބުނީ މިދިޔަ މަހުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައި ވަނީ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 146 ކުދިންގެ ތެރޭގައި ހިމެނެނީ 83 ފިރިހެން ކުދިންނާއި 63 އަންހެން ކުދިންނެވެ.

ފޯސްޓަރިންގެ ނިޒާމުގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު މިދިޔަ މަހު ފޯސްޓަ އައިލާއަކާ ހަވާލުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. މި ސަރުކާރު އައި ފަހުން 72 ކުއްޖަކު ވެއްޓަށް ބަދަލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން ހަތަރު ކުއްޖަކަށް މިދިޔަ މަހު ވަޒީފާ ނުވަތަ އިންޓާންޝިޕް ފުރުސަތު ވެސް ފަހިކޮށް ދީފައިވެ އެވެ.