މިއަދުގެ ރީތި ތާރީހުގައި މާލޭގައި 59 ކައިވެނި ކޮށްދިނުމަށް ތާވާލުކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
މިއަދު މިހާ ގިނަ ކައިވެނި ކުރެވިގެން ދަނީ މިއަދަކީ މިއަހަރު އަންނަ ރީތި ތާރީހުގެ ތެރެއިން އެއް ތާރީހު ކަމަށްވާތީކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަދަކީ 25/05/25 އެވެ.
ފެމިލީ ކޯޓުން ބުނީ، މިއަދު 59 ކައިވެނި ކޮށްދިނުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން 23 ކައިވެނި ކޮށްދިނުމަށް ތާވާލުކޮށްފައިވަނީ ރަސްމީ ގަޑީގައި ކަމަށެވެ. އަދި ބާކީ 36 ކައިވެނި ކޮށްދެނީ ނުރަސްމީ ގަޑީގައި ކަމަށް ކޯޓުން ބުންޏެވެ. މިއަދު ވަރިކުރުމުގެ 22 މައްސަލައެއް ވެސް ވަނީ ތާވަލުކޮށްފައެވެ.
މިއަދަކީ މިއަހަރުގެ މިހާތަނަށް ފެމިލީ ކޯޓުގައި އެއް ދުވަހެއް ތެރޭ އެންމެ ގިނަ ކައިވެނި ކޮށްދޭ ދުވަސް ކަމަށް ވުމުން އެކޯޓުން ވަނީ ކޯޓަށް ވަޑައިގަންނަވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ބޭރުގައި ޓެންޓް ޖަހައި ގޮނޑިތައް ވެސް ޖަހާދީފައެވެ.
މިފަދަ ރީތި ތާރީހުތަކުގައި ކައިވެނި ކުރުމަކީ އަބަދު ވެސް ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތެކެވެ. އެގޮތުން ރީތި ތާރީހެއް އަތުވެއްޖެނަމަ، ފެމިލީ ކޯޓަށް އަބަދު ވެސް ބާރު ބޮޑުވެއެވެ.