ސަރުކާރުން ފަށާފައިވާ ގައުމީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާތަނަށް 658 ޒުވާނުން ނަން ހުށަހަޅައިފިއެވެ.
މި ޕްރޮގްރާމަކީ ސަރުކާރުން މި މަހުގެ އެއްވަނަ ދުވަހު ފެށި ޕްރޮގްރާމައެކެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން ސްކޫލް ދައުރުގައި ނަތީޖާ ނުނެރެވޭ ޒުވާނުންނަށް ފުރުސަތެއް ފަހިވެގެން ދާނެއެވެ. އަދި ރާއްޖޭގެ ސަލާމަތީ ބާރުތައް ވަރުގަދަކުރުމަށް ކޮންމެ އަހަރަކު 1،000 މީހުން ސިފައިންގެއަށް ރެކްރޫޓްކުރެވިގެން ދާނެއެވެ.
ގޭންގު ކުށްތަކާއި އެހެނިހެން ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަޞްދީޤުކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ޕްރޮގްރާމަށް 658 ޒުވާނުން ނަން ހުށައަޅާފައިވާ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި 316 ޒުވާނުންނަކީ އުމުރުން 18 އަހަރު ނުފުރޭ ކުދިންނެވެ. އަދި 120 އަންހެން ކުދިންނާއި 538 ފިރިހެން ކުދިން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
”މަގުމަތިވެފައި ތިބި ކުދިން، ކުށަށް އަރައިގަންނަ ކުދިން، މަޖުބޫރީ ހާލަތެއްގައި ޖެހިގެން ވެސް ވަންނަ ބައެއް ކުދިންގެ މައިންބަފައިން އެ ވެށިން އެ ކުދިން ނެރެން ބޭނުންވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. މި ފުރުސަތުގެ ބޭނުން ހިފަން ބޭނުންވާކަން ވެސް ފާހަގަކުރެވޭ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އަސްކަރީ ތަމްރީނު ދިނުމަށްފަހު ސިފައިންގެ ނުވަތަ ފުލުހުންގެ އޮފިސަރުންގެ ގޮތުގައި ވަޒީފާ ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފައެވެ. މިއީ ކުށުގެ ވެށިން ޒުވާނުން ދުރުކޮށް، އެ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.