ޝާން މުޙައްމަދު

ނައިބް ރައީސް އިންނެވި ބޯޓެއްގައި ބޮމެއް އޮތް ކަމަށް ބުނެފި

ރާއްޖޭގެ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ދަތުރުފުޅު ކުރެއްވި މަތިންދާބޯޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރު ދީފި އެވެ.

ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި ބޮމެއް އޮތް ކަމުގެ އިންޒާރު ދިނީ ޔުނައިޓެޑް އެއާލައިންގެ ވައިޑްބޮޑީ ބޮއެން 777ގެ ފްލައިޓެއް އެމެރިކާގެ ހަވާއީގެ ހޮނޮލޫލޫ އިން ލޮސް އޭންޖެލްސްއަށް މިދިޔަ އަންގާރަ ދުވަހު ދަތުރުކުރަމުން ދަނިކޮށެވެ.

ނައިބު ރައީސް ދަތުރުކުރެއްވި މަތިންދާބޯޓުގައި ބޮމުގެ އިންޒާރު ލިޔެފައި އޮތް ކަރުދާސްކޮޅު ތަތްކޮށްފައި ހުރީ ބޯޓުގެ ފާހަނައިގެ ލޯގަނޑުގަ އެވެ.

މިކަން ތަހުގީގުކުރުމުގައި އުޅޭ އެމެރިކާގެ އެފްބީއައި އިން މިހާރުވެސް މިމައްސަލަ ބަލަމުންދާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި ބޮމުގެ އިންޒާރާ ގުޅިގެން މިހާރު ބޯޓު ވަނީ ކުއްލި ހާލަތުގައި އަނބުރާ ހޮނޮލޫލޫއަށް ޖައްސާފަ އެވެ.

ބޯޓު އަނބުރާ ހޮނޮލޫލޫއަށް ޖެއްސިއިރު 339 ދަތުރުވެރިންނާއި ދިހަ ފަޅުވެރިން ބޯޓުގައި ތިއްބެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

މި ހާދިސާއާއި ގުޅިގެން ނައިބް ރައީސް ހުސައިން ފަހުން ދަތުރުކުރެއްވީ އެހެން މަތިންދާބޯޓެއްގައެވެ.