މިލައުތުރު

އީރާނުން ނިއުކްލިއަ ހަތިޔާރުގެ ޤާބިލްކަން ކަށަވަރު ކުރުމާ ނުހަނު ގާތުގައި، އިޒްރޭލާ އެމެރިކާ ތެޅި ފޮޅެނީ.

އީރާނުން ނޮއުކްލިއަ ހަތިޔާރުގެ ޤާބިލްކަން ހޯދުން އޮތީ ނުހަނު ގާތުގައިކަން ހާމަ ވުމުން އިޒްރޭލާއި އެމެރިކާއިން ކަންބޮޑުވެ ތެޅި ފޮޅެން ފަށައިފިއެވެ. އަދި ބައެއް ރިޕޯޓްތައް ބުނާގޮތުގައި އިރާނުގައި މީހާރުވެސް ނިއުކްލިއަ ހަތިޔާރު ހުރެދާނެއެވެ.

އައި.އޭ.އީ.އޭ އިން ލަފާކުރާގޮތުގައި އީރާނުން ވަނީ ނިއުކްލިއަ ހަތިޔާރު ފައްކާކުރެވޭ މިންގަނޑަށް ޔުރޭނިއަމް އިތުރުކޮށްފައެވެ. އަދި ބައެއް ސިއްރު ރިޕޯޓްތައް ބުނާގޮތުގައި، ވަރަށް ކުއްލިގޮތަކަށް އީރާނުން އެމީހުންގެ ޔުރޭނިއަމް ސްޓޮކް އިތުުރު ކޮށްލާފައެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ސްޓޮކަށް ވުރެ %50 އިތުރު މިންވަރެއްގެ ޔުރޭނިއަމް ސްޓޮކް ވަނީ މިހާރު ފައްކާކޮށްފައެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި، އެމެރިކާއިން ކުއްލިގޮތަކަށް އީރާނާއެކު ނިއުކްލިއަ ޑީލެއް ހެދުމަށް ތެޅި ފޮޅި ގަތް އެންމެ ބޮޑު ސަބަބަކީ ހަތިޔާރު އުފައްދަފާނެ ކަމުގެ ބިރު ބޮޑު ވުމެވެ. އަދި އެންމެ ފާޅުކަން ބޮޑު ގޮތެއްގައި އެމެރިކާއާ ދެކޮޅަށް ބަސްބުނާ ހަމަ އެކަނި ޤައުމަކީ އީރާން ކަމުގައި ވުމެވެ. އަދި އީރާނުން ނިއުކްލިއަ ހަތިޔާރުގެ ޤާބިލްކަން ހޯދައިފިނަމަ، އެންމެ ނުރައްކާ ވާނެ ޤައުމަކީ އިޒްރޭލް ކަމުގައި ވެސް ވާތީއެވެ.

އެމެރިކާގެ ހުށަހެޅުންތަކަށް އީރާނުން ވަނީ ވަރަށް ސީދާގޮތެއްގައި ޖަވާބުދީފައެވެ. އީރާނުގެ ޔުރޭނިއަމް މަޝްރޫޢަކީ މަޝްވަރާ ކުރެވޭނެ ކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން އެމީހުންގެ ސްޓޭންޑް ވަރަށް ވެސް ސާބިތުކަން އެމެރިކާއަށް ވަނީ ކަށަވަރު ވެފައެވެ. އަދި ނިއުކްލިއަ ހަތިޔާރު މިހާރު ވެސް ހުރެދާނެ ކަމަށް ކުރެވޭ ޝައްކުތައް ވަނީ އިތުރު ވެފައެވެ.

ދެން އޮތީ ގަލްފުގައި އޮތް އަރަބި މުސްލިމް ޤައުމުތަކުގެ ވާހަކައެވެ. އެމީހުން ވެސް ތިބީ އީރާނުގެ އަސްކަރީ ކުރިއެރުންތައް ފެނި ކަންބޮޑުވެ ހައިރާން ވެފައެވެ. އެމީހުން ބެލީ ދުނިޔޭގެ އެންމެ އުސް އެންމެ ރީތި އިމާރާތް އެޅޭތޯއެވެ. އީރާނުން މަސައްކަތް ކުރީ އަމިއްލަ ދިފާޢު ވަރުގަދަކޮށް އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުގެ ހަތިޔާރަށް ބަރޯސާނުވެ، އަމިއްލަ ދިފާޢު ވަރުގަދަކޮށް ދުނިޔޭގެ ބާރަކަށް ވެވޭތޯއެވެ.

އީރާނުގައި ނިއުކްލިއަ ހަތިޔާރު ނެތަސް މިހާރު ވެސް އެއީ މިސައިލް އާއި ޑްރޯން ޓެކްނޮލޮޖީގައި ދުނިޔޭގެ ބާރެއްކަން ޔަޤީނެވެ. އެހެނީ އެމީހުންގެ ޑްރޯންތައް ރަޝިޔާ ފަދަ ކުރިއަރާފައިވާ ޤަައުމުތަކުގައި މިހާރު ވެސް ބޭނުންކުރަމުން ދާކަމީ އެކަމުގެ ދަލީލެއް ކަމުގައި ފުދެއެވެ. ބެލެވޭ ގޮތުގައި އިޒްރޭލުން އީރާނަށް ޙަމަލާއެއް ދޭކަށް ނުކެރޭނެއެވެ. އީރާނުގެ އަސްކަރީ ޤާބިލްކަން ހުރި ނެތް ގޮތް އެނގޭނެ ގޮތެއް ވެސް ނެތަތީއެވެ. އެކަމަށްޓަކައި އެމެރިކާއިން ކުރަމުންގެންދާ މަސައްކަތްތަކަށް ވެސް އެއްވެސް ކުރިއެރުމެއް ނުލިބޭތީއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟