ހަދިޔާއެއްގެ ގޮތުގައި ހައްޖުވެރިންނަށް 2.5 މިލިއަން މުސްހަފް ބަހަން ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަވާހް އެންޑް ގައިޑެންސް އިން ނިންމައިފިއެވެ.
މި މުސްހަފް ތަކަކީ ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުއަޒީޒްގެ ފަރާތްޕުޅުން ހައްޖުވެރިންނަށް ބަހާ މުސްހަފްތަކެކެވެ. މި ޕްރޮގްރާމުގެ ދަށުން މިއަހަރު ބެހުމަށް ހަމަޖެހިފައި ވަނީ 2،521.380 މުސްހަފެވެ.
މި މުސްހަފް ޗާޕު ކޮށްފައި ވަނީ މަދީނާގައި ހުންނަ ކިންގް ފަހުދު ކޮންޕްލެކްސް އިންނެވެ. އެތަނުން އެކި ސައިޒްގެ އެކި ބަހުން މުސްހަފުތައް ޕްރިންޓްކޮށްފައި ވެއެވެ. އަދި މި މުސްހަފުތައް ބެހުމުގެ ކަންކަން ހައްޖުވެރިން އާއްމުކޮށް ފުރާ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓާއި، ޖިއްދާ އިސްލާމިކް ޕޯޓްގެ އިތުރުން، ބޯޑަރުތަކުގައި ގާއިމްކޮށްފައިވާ ޕޮންޓްތަކުން ކުރަމުން ދާނެއެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.6 މިލިއަނަށް ވުރެ ގިނަ މުސްލިމުން ސައުދީއަށް ގޮސްފައި ވެއެވެ.
ސައޫދީ ސަރުކާރުން ހާމަކޮށްފައިވާ ތަފާސް ހިސާބުގައި ވާގޮތުން، އެހެން ގައުމުތަކުން މި އަހަރު ހައްޖުގެ އަޅުކަމަށްދިޔަ މީހުންގެ އަދަދަކީ 1،506،576 އެވެ. ސައޫދީން 166،654 މީހަކު ހައްޖު އަޅުކަމަަށް ދިޔައެވެ.