މިލައުތުރު

ދިވެހީން ދެވިހިފި ފަހުން ޖެމްކިއު ހުއްޓުވުމުގެ މަަސައްކަތް ފުލުހުން ފަށައިފި.

ޖެމްކިއު އިންވެސްޓްމެންޓް ސްކީމަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށާއި އެ ސްކީމް ހިންގާ އަދި އިޝްތިހާރު ކުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާކަމަށް ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިހެން ވިދާޅުވީ ޖެމްކިއު އިންވެސްޓްމަންޓް ސްކީމާ ގުޅޭގޮތުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންނާއި ގުޅިގެން ނެރުނު ނޫސް ބަޔާނުގައެވެ.

ޖެމްކިއުގެ ނަމުގައި ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގަމުން ގެންދާ އިންވެސްޓްމަންޓް ސްކީމަކީ އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އިންޓަނެޓް މެދުވެރިކޮށް ހިންގާ އޮންލައިން ޕްލެޓްފޯމެކެވެ. އަދި ބައިވެރިވާ ފަރާތްތަކަށް ކްރިޕްޓޯކަރަންސީއެއް ކަމަށްވާ ޔޫއެސްޑީޓީ ބޭނުންކޮށްގެން އިންވެސްޓްކުރެވެއެވެ. ފައިސާ އަޅާ ފަރާތްތަކަށް ކޮންމެ ދުވަހަކު އެ ފަރާތަކުން އަޅާ ފައިސާގެ ނިސްބަތުން ޕްލެޓްފޯމުގައިވާ ވަކި ބަޓަނަކަށް ފިތާލުމުން އޭއައި ޓެކްނޮލޮޖީގެ އެހީގައި ކްރިޕްޓޯ ޓްރޭޑިންގ ހިނގާ މަންޒަރު ދައްކުވައިދެއެވެ. މި ޕޮންޒީ ސްކީމްގައި ފައިސާ އިންވެސްޓްކުރާ އެންމެ ދަށް ފަންތީގެ މީހުންނަށް ވެސް 2.5 އިންސައްތައިގެ ފައިދާ ލިބޭކަމަށް ދައްކުވައިދެއެވެ. އަދި އިންވެސްޓަރުގެ ދަރަޖަ މަތިވާ ނިސްބަތުން ފައިދާގެ އިންސައްތަ އިތުރު ވެއެވެ.

ބޭރުގެ ކަމާބެހޭ މާހިރުންނާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި މަސައްކަތްތަކުން ޖެމްކިއު ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕޮންޒީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާކަމަށް ނޫސްބަޔާނުގައި ވެއެވެ. މި ސްކީމުގައި އޭއައި ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި މުއާމަލާތް ހިނގާތަން ފެނުނު ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

ދިވެހީންގެ ގިނަ ބަޔަކު ވަނީ ފަސޭހައިން ފައިސާ ހޯދުމަށް މި ސްކީމަށް ފައިސާ އެޅުމުގައި ދެވިހިފާފައެވެ. ބައެއް މީހުންގެ އަތުގައި ހުރިނަމަ ހުރި ފައިސާއެއް ވަނީ އަޅާފައެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު އޭގައި ކޮއްޓަން ތިބޭ މަންޒަރަކީ މިހާރު އާންމުކޮށް ފެންނަ މަންޒަރެކެވެ.