އިންޑިޔާގެ ފިލްމީ ތަރި އަދި މޮޑެލް ޝެފާލީ ޖަރިވާލާ އުމުރުން 42 އަހަރުގައި ކުއްލި ގޮތަކަށް އިއްޔެ މަރުވުމާއެކު އޭނާގެ ސަޕޯޓަރުންނަށް ބޮޑު ޝޮކެއް ލިބި، ބޮލީވުޑްގެ އިތުރުން ފެޝަން އިންޑަސްޓްރީ ވެސް ވަނީ ރޮއްވާލާފައެވެ.
އޭނާ މަރުވެފައިވަނީ ކާޑިއެކް އެރެސްޓެއްގެ ސަބަބުން ކަން މިހާރު ވަނީ ކަށަވަރުވެފައެވެ. އަދި އޭނާގެ ފިރިމީހާ އާއި އާއިލާގެ ބަޔަކު ވެގެން އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ޙަވާލާދީ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.
ޝެފާލީ އުފަންވެފައި ވަނީ 15 ޑިސެމްބަރު 1982 ގައި އިންޑިޔާގެ އަޙްމަދުއާބާދަށެވެ. އަދި ކާވެނިކުރީ 2014 ވަނަ އަހަރުގައެވެ. ޝެފާލީ މަޝްހޫރުވެފައި ވަނީ ސުޕަރ ހިޓެއް ކަމަށްވާ ”ކާއްޓާ ލަގާ“ ވީޑިއޯ ލަވައިންނެވެ. އަދި އޭގެ ފަހުން އެތައް ލަވައެއް ކުޅެ މަޝްހޫރުކަން ލިބިގެންދިޔައެވެ. އަދި އޭނާގެ ރީތިކަމަށްޓަކައި އިންޑިޔާގެ ފެޝަން އިންޑަސްޓްރީ އިން ފުރުޞަތުތައް ލިބިގެންދިޔައެވެ.
އޭނާގެ ކުއްލި ވަކިވުމާއެކު ބޮލީވުޑްގެ ތަރިން ޅައުމުރުގައި ހާޓްއެޓޭކް ޖެހިގެން މަރުވުން ގިނަވަމުންދާކަމަށާއި، ވަރަށް ހިތާމަވެރިކަމެއް ކަމަށް ބުނެ ޝުއޫރުތައް ފާޅުކުރަމުން އެބަ ގެންދެއެވެ. ދާދި ފަހަކުން މަރުވި މަޝްހޫރު ލަވަކިޔުންތެރިޔާ ކޭކޭ ވެސް މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.