މިލައުތުރު

ބޭރު ފައިސާއިން މާލީ އެހީ ހޯދުމާއި ރިޒާވަށް ޒިންމާދާރުނުވުމުގެ ސަބަބުން އިޤްތިޞާދީ ބުރަ ރައްޔިތުންގެ ބޮލަށް – އަބްދު ﷲ ޝާހިދު

ބީއެމްއެލްގެ ބޭރު ފައިސާގެ ކާޑު ލިމިޓް 500 ޑޮލަރަށް އިތުރުކުރުމަކީ ރައްޔިތުންނަށް ލިބުނު ލުޔެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ރޭވިފައިވާ މަކަރުވެރި ރޭވުމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ސޯޝަލް މީޑިޔާގައި ކުރެއްވި ތަފްޞީލީ ފޯސްޓެއްގައެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އީ-ކޮމާސްއަށް ރުފިޔާ ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތަކަށް އައު %30 ގެ ބޮޑު ފީއެއް ނެގުމުގެ ސަބަބުން މުދާ އޮންލައިންކޮށް ގަންނައިރު ޑޮލަރު ރޭޓު ހަޤީގަތުގައި ބްލެކް މާކެޓަށްވުރެ ބޮޑުވާނެ ކަމަށެވެ.

އަދި މިއީ ހަމައެކަނި ބޭރު ފައިސާގެ މައްސަލައެއް ނޫން ކަމަށާއި، މިއީ ސަރުކާރުން ބޭރުގެ ފައިނޭންސިންގ ހޯދުމާއި ރިޒާވް ޒިންމާދާރުކަމާއެކު މެނޭޖްކުރުމުގައި ފެއިލްވުމުގެ ސަބަބުން އުފެދުނު ފައިސާގެ ދަތިކަމެއްގެ ފައިދާ ބީއެމްއެލްއިން ނެގުން ކަމަށެވެ. އަދި އިސްލާހުގެ ބަދަލުގައި، އާންމު ދިވެހި ޢާއިލާތަކުގެ މައްޗަށް އިޤްތިޞާދީ ބުރަ ބަދަލުވެ، ހަމަހަމަކަން ގެއްލި، ދުނިޔޭގެ މުދަލަށް ވާސިލުވުމުގެ ފުރުސަތު ހަނިވެ، އަދި ދިރިއުޅުމުގެ ޚަރަދުގެ ހާލަތު އިތުރަށް ގޯސްވުމަށް ހުޅުވުނު ދޮރެއް ކަމަށެވެ. އަދި މި ސިޔާސަތުން މައްސަލަ ހައްލު ނުވާނެ ކަމަށާއި، އާންމު ރައްޔިތުމީހާއަށް ވާނީ ބޮޑު ގެއްލުމެއް ކަމަށެވެ.