ތިނަދޫ ސިޓީ ކައުންސިލާ ބެހޭގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ހިންގި ތަޙުޤީޤަށް ފަހު، އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް 3 މަހަށް ސަސްޕެންޑް ކުރަން އެ އޮތޯރިޓީން މިއަދު ނިންމައިފި އެވެ.
އެ އޮތޯރިޓީން މަޢުލޫމާތުދިން ގޮތުގައި، މޭޔަރުގެ މައްޗަށް ފިޔަވަޅު އެޅީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމާއި އެ މަގަށް މަގުފަހިވެފައިވޭތޯ ކަށަވަރު ކުރުމަކީ މޭޔަރުގެ މަޤާމުގެ ޒިންމާއެއް ކަމަށް ވާއިރު، އެ ޒިންމާ އަދާކުރައްވާފައި ނުވާތީ ކަމަށެވެ.
ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ ތަޙްޤީޤެއް ހިންގުމަށް މިދިޔަ މަހު އެލްޖީއޭގެ ޓީމެއް ވަނީ ތިނަދު އަށް ގޮސް ކައުންސިލްގެ މެމްބަރުންނާ ބައްދަލުކޮށް ބަޔާން ނަގައި ލިޔެކިޔުންތައް ވަނީ ހޯދައިފައެވެ. އެލްޖީއޭ އިން މަޢުލޫމާތުދިން ގޮތުގައި ތަޙުޤީޤަށް ފަހު ކައުންސިލަށް ޖަވާބުދާރީވުމަށް 7 ދުވަހުގެ މުއްދަތެއް ވެސް ދީފައިވާނެ ކަމަށާއި، މައްސަލާ އާއި ގުޅޭގޮތުން އެ ކައުންސިލުން ޖަވާބުދާރީވެސް ވެފައިވާ ކަމަށެވެ.