މިލައުތުރު

ބަރަކާ ޗެރިޓީގެ ހިލޭ އެހީގެ ދަށުން ކ. ގުޅީ ޞިއްޙީމަރުކަޒުގައި މެޑިކަލް ލެބެއް ތަރައްޤީކުރުމުގެ އެމްއޯޔޫގައި ސޮއި ކޮށްފި.

ބަރަކާ ޗެރިޓީގެ ހިލޭ އެހީގެ ދަށުން ކ. ގުޅީ ޞިއްޙީމަރުކަޒުގައި މެޑިކަލް ލެބެއް ތަރައްޤީކުުރުމުގެ ފަހުމުނާމާއެއްގައި ދެ ފަރާތުން މިއަދު ސޮއި ކޮށްފިއެވެ. މި ފަހުމުނާމާގައި ބަރަކާ ޗެރިޓީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަޙްމަދު ޒަކީއެވެ. އަދި ގުޅީ ޞިއްޙީމަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ ސީނިޔަރ އެޑްމިނިސްޓްރޭޓަރ، ހެލްތު ސާރވިސަސް ޢަލީ ޔާމީންއެވެ.

މި ފަހުމުނާމާގެ މަޤްޞަދަކީ ދެފަރާތުން ގުޅިގެން މި މަޝްރޫޢުގެ ކަންކަން ވީހާ ވެސް ފުރިހަމައަށް އަދި އަވަަހަށް ކުރިއަށް ގެންގޮސް ކާމިޔާބުކަމާއެކު ނިންމާލުމަށް މަގުފަހި ކުރުން ކަމުގައި ބަރަކާ ޗެރިޓީން މަޢުލޫމާތު ދެއެވެ. މިއީ ބަރަކާ ޗެރިޓީގެ ފަރާތުން ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫޢު ކަމަށާއި، މުސްތަޤްބަލުގައި މިފަދަ އިތުރު މަޝްރޫޢުތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ.

މެޑިކަލް ލެބެއްގެ ޚިދުމަަތަކީ މިވަގު ގުޅީ ޞިއްޙީމަރުކަޒަށް އެންމެ ބޮޑަށް ބޭނުންވާ އެއް ޚިދުމަތް ކަމަށް ވެފައި، ބަރަކާ ޗެރިޓީގެ ފަރާތުން މިފަދަ ދީލަތި އެހީއެއް ލިބިގެންދިއުމަކީ ވަރަށް ބޮޑު އުފަލެއް ކަމުގައި މަރުކަޒުން ދެކެއެވެ. އަދި މި މަޝްރޫޢުގެ ދަށުން އަޅަނީ ހަމައެކަނި ލެބޯޓަރީ ރޫމެއް ނޫން ކަމަށާއި، ޒަމާނީ ފެންވަރުގެ ފާޚާނާއަކާ ތަކެތި ރައްކާކުރާނެ ގުދަނެއް ވެސް ހިމެނޭނެ ކަމަށް އެ ފަރާތުން މަޢުލޫމާތު ދެއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 23 ޖުލައިގައެވެ.