ޝާން މުޙައްމަދު

ނިރުބަވެރިންގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު 80 މީހުން ޝަހީދުވެއްޖެ

ނިރުބަވެރި އިސްރާއީލުގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު އެކަނިވެސް ފަލަސްތީނުގެ 80 މީހުން ޝަހީދުވެއްޖެއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީއާ ހަވާލަދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި ނިރުބަވެރިން ދިން ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު އެކަނިވެސް ޣައްޒާގެ ހޮސްޕިޓަލްތަކަށް ވަނީ 80 މީހެއްގެ ހަށިގަނޑު ގެންގޮސްފައެވެ. މީގެ އިތުރުން އިތުރު 304 މީހުން އެކިވަރުގެ ޒަހަމްތައް ވެގެން ގެންގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

ޔަހޫދީ އިސްރާއީލުން އެކެރިކާގެ އެހީއާއެކު ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުން އެކުލަވާލި އެއްބަސްވުން އުވާލައި އެ ޖަމާއަތުން މިދިޔަ މާރިޗް މަހުގެ 18 ގައި ވަނީ ހަމަލާތައް ދޭން ފަށާފައެވެ. އަދި މިއަދާއި ހަމައަށް ދިން ހަމަލާތަކުގައި 6،860 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 24،220 މީހުން ވަނީ ޒަހަމްކޮށްލާފައެވެ.

ޔަހޫދީންގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 57،418 މީހުން ޝަހީދުވެފައިވާއިރު، 136،261 މީހުން ވަނީ ޒަހަމްވެފައެވެ.