ޝާން މުޙައްމަދު

މިއަހަރުގެ މިހާތަނަށް 5،000 އަށްވުރެ ގިނަ މީހުން ނަފްސާނީ އެހީ ހޯދަން ގުޅި – ވުޒާރާ

2025 ވަނަ އަހަރުގެ ޖުލައި ފަސް ވަނަ ދުވަހުގެ ނިޔަލަށް 5،000 އަށްވުރެ ގިނަ މީހުން ނަފްސާނީ އެހީ ހޯދަން ގުޅި ކަމަށް ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ.

ސިއްހީ ވުޒާރާއިން ބުނީ ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިނަށް ގުޅި މި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި މިއަހަރު މިހާތަނަށް 5820 ކޯލަކަށް ހެލްޕްލައިނުން އެޓެންޑުވެފައިވާ ކަމަށެވެ. އަދި ފެބްރުއަރީ 2024 އިން ފެށިގެން ޑިސެމްބަރ 2024 ގެ ނިޔަލަށް 2576 ފަރާތަކަށް މި ހެލްޕް ލައިނުން ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެ ވުޒާރާއިން ހާމަކުރި ގޮތުގައި މިއަހަރު މިހާތަނަށް އެޓެންޑުކުރި ކޯލްތަކުގެ ތެރޭގައި ނަފްސާނީ ސިއްޙަތުގެ ހިދުމަތް ލިބެން ހުންނަ ތަންތަނާއި ނަފްސާނީ ސިއްހަތާ ގުޅުން ހުރި މައުލޫމާތު ސާފުކުރުމަށް ގުޅާ ކޯލްތަކާއި، ނަފްސާނީ އެހީތެރިކަން ބޭނުންވެގެން ގުޅާ ކޯލްތަކާއި، ކްރައިސިސްގެ ހާލަތުގައި ގުޅާ ކޯލްތަކާއި، ފޮލޯއަޕް އަދި ރެފެރަލް ހެދުމަށް ގުޅާ ކޯލްތައް ހިމެނެއެވެ.

ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިނަކީ 24 ގަޑިއިރު ގާއިމުކޮށްފައިވާ ހެލްޕްލައިނެކެވެ. މި ހެލްޕްލައިނަށް ގުޅޭނެ ނަންބަރަކީ 1677 އެވެ. ނަފްސާނީ އިޖުތިމާއީ އެހީތެރިކަމުގެ ގައުމީ ހެލްޕް ލައިނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ”ހަފްތާ 14″ގެ މަގު ޗާޓުގައި ހިމަނައިގެން 21 ފެބްރުއަރީ 2024 ގައި ފަށާފައިވާ ހިދުމަތެކެވެ.