ޝާން މުޙައްމަދު

ސްކޭމްތައް ނުހުއްޓުވުނު، މިދިޔަ ހަފުތާގައި އެކަނިވެސް 400،000 އަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި

ރާއްޖޭގައި ވަރަށް ބޮޑަށް އާންމު ވެފައިވާަ ސްކޭމްތައް ހިންގުމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން މިދިޔަ ހަފުތާގައި އެކަނި ވެސް މީހުންގެ އަތުން 400،000 އަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ.

އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހުގެ 29 އިން ފެށިގެން މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 50 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އެ ސްކޭމްތަކުގައި ޖުމްލަ 416،879.42ރ. ގެއްލުނު ކަމަށާއި ފުލުހުންގެ މަސައްކަތުން އޭގެ ތެރެއިން ހޯދުނީ 114،276.42ރ. ކަމަށް އެ ސެންޓަރުން ބުންޏެވެ.

މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި އެންމެ ގިނައީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިން ހިންގައިފައިވާ ސްކޭމްތައް ކަމަށް އެ ސެންޓަރުން ބުނެ އެވެ. އެގޮތުން އެފަދަ 29 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ. މީގެ އިތުރުން ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި ނުވަ ސްކޭމާއި ޝަހުސު އޮޅުވާލުމުގެ ތިން މައްސަލައަކާއި ވަޒީފާ ދޭނެ ކަމަށް ބުނެ އޮޅުވާލުމާއި ފޯނުން ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް ފޮނުވާ ލިންކުތަކުން (ފިޝިންއާއި ވިޝިން) ސްކޭމް ކުރުމުގެ ހަ މައްސަލައެއް ހުށަހަޅައިފައިވެ އެވެ. އަދި ސްކޭމްތަކުގެ އެހެނިހެން ތިން މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ބޮޑަށް ބޭނުންކޮށްފައި ވަނީ ފޯނުކޯލާއި އައިބޭއާއި އޮންލައިން މެސެޖިން ޕްލެޓްފޯމްތަކާއި ފޭސްބުކް މާކެޓް ޕްލޭސް ކަމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ ބުނެފަ އެވެ. އެ ސެންޓަރުން ވަނީ އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އަދި އެޕްލިކޭޝަންތަކުގެ ޓޫ-ފެކްޓާ އޮތެންޓިކޭޝަން ހެދުމަށް އިލްތިމާސްކޮށްފަ އެވެ.