ޝާން މުޙައްމަދު

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ ރަސްމީ މަސައްކަތުގެ ގަޑި ކުޑަކޮށްފި

އޭވިއޭޝަަން ސެކިއުރިޓީ ކޮމާންޑްގެ އޮފިސަރުން ރަސްމީ މަސައްކަތުގެ ގަޑި ކުޑަކޮށްފިއެވެ. އެގޮތުން މިހާރު ވަނީ އޮފިސަރުންގެ ރަސްމީ ގަޑިއަކީ ހަ ގަޑިިއިރު ކަމަށް ކަނޑައަޅައި ގަވާއިދަށް އިސްލާހު ގެނެސްފައެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މަސައްކަތު ގަޑިއާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި، ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން ޢަމަލުކުރަންޖެހޭގޮތުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާގޮތުން އޮފިސަރުންގެ ރަސްމީ މަސައްކަތުގެ ގަޑިއަކީ ދުވާލަކު ހަ ގަޑިއިރެވެ. މި ބަދަލު ގެނެއީ މިއަދުއެވެ.

މީގެ ކުރިން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ ރަސްމީ މަސައްކަތުގެ ގަޑިއަކީ އަށް ގަޑިއިރެވެ. އެގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހިދުމަތުގެ ރަސްމީ މަސައްކަތު ގަޑީގެ ދިގުމިނަކީ ދަންފަޅީގެ އުސޫލުން ހަ ގަޑިއިރު ނަމަވެސް ރަމަޟާންމަހުގައި މުވައްޒަފުންނަށް ލުއިވާނޭހެން ދަންފަޅި ހަމަޖެއްސިދާނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެ ގަވާއިދުގައިވާގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ އިތުރުގަޑި ހިސާބުކުރާނީ ދުވާލަކު ހަ ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރަން ޖެހި ހުއްދަ ލިބިގެން މަސައްކަތް ކުރާ ވަގުތަށެވެ.

މި ބަދަލުގެ އިތުރުން މުވައްޒަފުން މަސައްކަތު ގަޑިއަށް ހާޒިރުވެފައިވަނީ މަސައްކަތުގެ ގަޑީގެ ބޮޑުބައި (ތިން ގަޑިއިރަށްވުރެ ވުރެ ގިނައިރު) ފާއިތުވި ފަހުންކަމުގައިވާނަމަ، އެ ދުވަހަކީ މުވައްޒަފު އޮފީހަށް ހާޒިރުނުވާ ދުވަހެެއްގެ ގޮތުގައި ބަލައި، މަސައްކަތް ކުރުމުގެ ހުއްދަ އެ މުވައްޒަފަށް ނުދެވޭނެ ކަަމަށްވެސް ބުނެފައި ވެއެވެ. އަދި މިފަދަ މުވައްޒަފުންނަށް ގަވާއިދުގައިވާގޮތުގެ މަތިން އިސްލާހީ ފިޔަވަޅު އަޅަން ވާނެ ކަމަށް ބުނެފައި ވެއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟